ސައޫދީ އަރަބްގެ މުފްތީގެ މަޤާމަށް ފަޟީލަތުއްޝައިޚު ޑރ. ޞާލިޙް އަލްފައުޒާން އައްޔަން ކުރައްވައިފ

ސަޢޫދީ އަރަބިއްޔާގެ މުފްތީގެ މަޤާމަށާއި، އިސް ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސްކަމަށާއި، ރިސާޗްތަކާއި ފަތުވާ ދިނުމާބެހޭ އިދާރާގެ ރައީސްގެ މަގާމަށް ޚާދިމުލް ޙަރަމައިން މަލިކު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ޝަހީ އަމުރުފުޅަކަށް ފަޟީލަތުއްޝައިޚު ޑރ. ޞާލިޙް އަލްފައުޒާން އައްޔަން ކުރައްވައިފިއެވެ. ޗެއިޚު ފައުޒާން އެމަޤާމަށް އައްޔަން ކުރެއްވީ ވަޒީރެއްގެ ދަރަޖައިގައެވެ.

ޝައިޚް ސާލިޙު ފައުޒާނަކީ މި މަޤާމު އަދާކުރައްވާ ހަތަރުވަނަ މުފްތީއެވެ. އޭނާ މި މަޤާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި މުފްތީ ޝައިޚް ޢަބްދުލް ޢަޒީޒް އާލުއްޝައިޚް އަވަހާރަ ވުމުންނެވެ. 1992 ވަނަ އަހަރުން ފެށިގެން ޝައިޚު ސާލިޙު ފައުުޒާނަކީ އިސް ދަންނަބޭކަލުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ބޭފުޅެކެވެ. އަދި ވޯލްޑް އިސްލާމިކް ލީގާ ގުޅިފައިވާ މައްކާގެ ފިޤުހީ އެސެމްބްލީގެ މެންބަރެއް ވެސް މެއެވެ.

ޝައިޚް ޞާލިޙް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1935 ވަނަ އަހަރުގައެވެ. ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ބޮޑުފުޅުވީ ޔަތީމެއްގެ ގޮތުގައެވެ.

ޝައިޚް ޞާލިޙް ވަނީ ރިޔާޟްގެ 'ކޮލެޖް އޮފް ޝަރީޢާ' އިން 1961 ވަނަ އަހަރު ދަސްވެނިވެ ވަޑައިގެފައެވެ. އަދި ފިޤުހުގެ ރޮނގުން މާސްޓަރސް އާއި ޑޮކްޓަރޭޓް ޑިގްރީ ވެސް ހާސިލު ކުރެއްވިއެވެ. ޝައިޚު ސާލިޙުގެ ޢިލްމީ މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ ރިސާޗްތަކާއި، ފަތުވާތަކާއި، ދިރާސާތަކާއި، ރިސާލާތައް ލިޔުއްވުން ހިމެނެއެވެ. ޝައިޚުގެ ބައެއް ތައުލީފްތައް ވަނީ އެއްކޮށް ޗާޕުކޮށްފައެވެ، އަދި އަނެއް ބައި ޗާޕުކުރުމުގެ މަގުމަތީގައެވެ.

ޝައިޚް ފައުޒާން ވަނީ ރިޔާޟްގެ ސައިންޓިފިކް އިންސްޓިޓިއުޓްގައި އަދި ކޮލެޖް އޮފް ޝަރީޢާއާއި ކޮލެޖް އޮފް އުޞޫލުއްދީންގައި އަދި ހަޔަރ ޖުޑީޝަލް އިންސްޓިޓިއުޓްގައި ކިޔަވައިދެއްވާފައެވެ. މީހާތަނަށް ޝައިޚު ހުންނެވީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!