މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ނަތީޖާއިން ދައްކުވައިދީފި: ރައީސް

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން،" ރައީސް

މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ހާމަކުރައްވައި، މިއަދާއި ހަމައަށް އައިއިރު ނަތީޖާއިން އެކަން ދައްކުވައިދީފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ބޭއްވި "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ކައުންސިލްގެ ބަޖެޓުން ލިބެމުންއައި ފަހެއް އިންސައްތައިގެ ބަދަލުގައި، އެ އަދަދު ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީ މި ސަރުކާރުންކަން ފާހަގަކުރެއްވިއެވެ. އަދި ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫންކަމަށާއި، އެއީ ކައުންސިލްގެ ބަޖެޓުން ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުއްވީވެސް މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން،" ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވުމަށްޓަކައި މިދިޔަ ދުވަސްތަކުގައި އެކިއެކި ލޯނުތައް ދޫކުރުމާއި، އިޤްތިޞާދީ ގޮތުން ކުރިއަށްދެވޭނެ މަގުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި މިދާއިރާއިން ކުރިއަށް ގެންދަން ހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް އެކަންކަން ބަޔާންކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، ވިމެން އެންޕަވަރމަންޓް މެއިންސްޓްރީމް ކުރުމަކީ އެމަނިކުފާނުގެ މުހިންމު ސިޔާސަތެކެވެ. އަދި ސަރުކާރުން މި ސިޔާސަތު އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ ލޮބުވެތި ކަނބަލުންނަށް އަރިސްކުރައްވާފައެވެ.

ހިއްސާ ކުރައްވާ!