ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ހުރިހާ ސިޔާސީ ބޭފުޅުން އިއްތިފާގުވޭ: ފަލާހު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ބޭފުޅުން އިއްތިފާގުވެވަޑައިގެންފައިވާ ކަމެއް ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިފަދައިން ވިދާޅުވީ 'ދަ ގްރޭޓަރ އައްޑޫ ވިޝަން' ގެ ތަފްސީލު ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުންނާ ދެކެވުނު ވާހަކަތަކުގައި، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރިން ތާއީދުކޮށް ވާހަކަދައްކަވާފައިވާ ކަމަށެވެ. "އެބޭފުޅުން ވިދާޅުވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރިން ތާއީދުކޮށް ދައްކާފައި ހުރި ވާހަކަތަކާއި، ހުށަހަޅާފައިވާ ލިޔުންތައް މަޖިލީހުގައި އާކައިވް ކުރެވިފައި ވާނެ ކަމަށް. އެހެންވީމަ މިއީ ރާއްޖޭގެ ހުރިހަ ސިޔާސީ ބޭފުޅުން ވެސް އިއްތިފާގުވާ ކަމެއް،" ފަލާހު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ރައްޔިތުންގެ ކައިރިއަށް ދިއުން މަދުކުރަން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މި ބަދަލަކީ ގައުމަށް ހަމަޖެހުން އައިސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި، މިހާރު އިދިކޮޅުން މިކަމާ ދެކޮޅު ހަދަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިގްތިސާދީ ގޮތުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ބާރަ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަ މަސް ދުވަހުގެ މުސާރައަށް ވުރެ، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ސަލާމަތްވާ އަށް ސަތޭކަ މިލިއަން ރުފިޔާ ރައްޔިތުންނަށް މުހިންމު ވާނެ ކަމަށެވެ. އަދި މިއީ ކޮންގްރެސް ޕާޓީއަށް ލިބޭނެ މޮޅެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ގައުމާއި ރައްޔިތުންގެ ހައްގުގައި ގެނެވޭ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ފަލާހު ވަނީ ދެ އިންތިހާބުގެ ރެފަރެންޑަމްއާ ގުޅޭގޮތުން ވާދަވެރިން ދައްކާ ދޮގު ވާހަކަތައް ގަބޫލުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޕީއެންސީގެ ސްޓޭންޑާ އެއްގޮތަށް ކުރިއަށް އޮތް ވޯޓުގައި ހެޔޮ ފާހަގަ ޖަހައި، މި ބަދަލަށް "އާނއެކޭ" ބުނުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

ހިއްސާ ކުރައްވާ!