ޕީއެންސީގެ އައްޑޫ މެނިފެސްޓޯ: ތާރީޚާއި ދިރާސާތަކަށް ޚާއްސަ މަރުކަޒުތަކެއް ގާއިމްކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދަ ގްރޭޓާ އައްޑޫ އިވެންޓު"ގައި، އައްޑޫ ސިޓީގެ ތަރައްގީއަށް އެ ޕާޓީން ގެންގުޅޭ ބޮޑު ތަސައްވުރު ވަނީ އިފްތިތާހުކޮށްފަ އެވެ. މި ތަސައްވުރުގެ ދަށުން އައްޑޫގެ ތާރީހު ރައްކާކުރާނެ ހާއްސަ މަރުކަޒަކާއި އިލްމީ ދިރާސާތައް ކުރާނެ މަރުކަޒެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

ޕީއެންސީގެ އައްޑޫ ތަސައްވުރު ބިނާވެފައިވަނީ މައިގަނޑު ހަ އަސާސެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އައްޑޫގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމާއި، އައްޑޫއަކީ ޓޫރިސްޓުން ހަމައެކަނި މަޑުކޮށްލާ ތަނެއްގެ ބަދަލުގައި އެ ސިޓީގެ މުއްސަނދިކަން ތަޖުރިބާކުރާ ތަނަކަށް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ފަންނީ ވަޒީފާތައް އައްޑޫއަށް ގެންދިއުމާއި، އިންވެސްޓަރުންނަށް ފަހި އީޖާދީ މާހައުލެއް ބިނާކުރުމާއި، އިންޑިއާ ކަނޑުގެ ވިޔަފާރި މަރުކަޒަކަށް އައްޑޫ ބަދަލުކުރުން ހިމެނެ އެވެ.

މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުގައި އައްޑޫގެ ތާރީހާއި ތަރިކަ ރައްކާކުރުމަށް "ސުވަދީބް ދާރުލް އާސާރު" އަދި "އަފީފް އީޖާދީ މަރުކަޒު" ގާއިމްކުރެވޭނެ އެވެ. މި މަރުކަޒުތަކުގެ މަގުސަދަކީ އައްޑޫގެ މާޒީ އާއި މުސްތަގުބަލު ގުޅުވައިދީ، އިލްމީ ދިރާސާތަކުގެ އަލީގައި ތަރައްގީގެ މަޝްރޫއުތައް ރޭވުމެވެ. މީގެ ތެރޭގައި ޒުވާނުންގެ ވަޒީފާ، ތައުލީމް، ސިއްހަތު އަދި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ދިރާސާތައް ކުރުން ހިމެނެ އެވެ.

އައްޑޫގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި ބިޒްނަސް ޕާކެއް ހެދުމާއި، އިމްޕޯޓް އެކްސްޕޯޓަށް ހާއްސަ "އައްޑޫ ކޮރިޑޯ ޑެސްކެއް" ގާއިމްކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާ ފުޅާކުރުމަށް "އައްޑޫ އޯޕަން ސިޓީ ފްލެޓްފޯމް" އެކުލަވާލުމާއި، ރަށުން ބޭރުގައި އުޅޭ އައްޑޫ ރައްޔިތުން އަނބުރާ ރަށަށް ގެނައުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

މި ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދާނީ ސަރުކާރުގެ މިނިސްޓްރީތަކާއި، އިލްމުވެރިންނާއި، ފަންނީ މާހިރުންގެ އިތުރުން އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ޕީއެންސީން ބުނެ އެވެ. މި ތަސައްވުރުގެ ދަށުން މުޅި އައްޑޫގައި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކާއި، ދެކުނުގެ އަތޮޅުތައް ގުޅުވާލައިދޭ ޓޫރިޒަމް ވިއުގައެއް ވެސް ގާއިމްކުރެވޭނެ އެވެ.

ހިއްސާ ކުރައްވާ!