"ސިޔާސީ ވިސްނުމުގައި، އަޅުގަނޑުމެންނާ ދެކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނޫނީ މޭޔަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ދީފިކަމުގައި ވާ ނަމަ، އެ ބާރުތައް ބޭނުންކޮށްގެން ކޮށްލާ ކުޑަކުޑަ ކަމަކުން އެތައް މަހެއް ފަހަތަށް ޖައްސާލެވޭނެ،" ރައީސް
ސަރުކާރާ އެއް ވިސްނުމެއްގައި ހިންގާ ސިޓީ ކައުންސިލެއް އައްޑޫގައި ނެތް ނަމަ އެ ސިޓީގެ ތަރައްގީ އަށް ސަރުކާރުން ރާވާފައި ހުރި މުހިންމު މަޝްރޫއުތައް ވަރަށް ފަސޭހައިން ހުއްޓުވައިލުމުގެ މަގު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފްތިތާހުކުރުމަށް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާ އިރު، ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމެއްގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނުވަތަ މޭޔަރުގެ މަގާމު ލިބިއްޖެ ނަމަ އެ ބާރުތަކުގެ ބޭނުންކޮށްގެން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. "ސިޔާސީ ވިސްނުމުގައި، އަޅުގަނޑުމެންނާ ދެކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނޫނީ މޭޔަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ދީފިކަމުގައި ވާ ނަމަ، އެ ބާރުތައް ބޭނުންކޮށްގެން ކޮށްލާ ކުޑަކުޑަ ކަމަކުން އެތައް މަހެއް ފަހަތަށް ޖައްސާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އެތައް ސަރުކާރަކުން ހައްލުނުވެ އޮތް މައްސަލައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހާއި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެމެ، އެ މައްސަލަ ހައްލުކޮށްދީފައި ނުވާ ކަމަށެވެ. މި ސަރުކާރުން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭން މަސައްކަތް ކުރާއިރު، މިހާރުގެ ސިޓީ ކައުންސިލުން އެކަމަށް ހުރަސްއަޅާ ކަމުގެ އިޝާރާތެއް ވެސް ރައީސް ވަނީ ދެއްވާފަ އެވެ.
އައްޑޫ ސިޓީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ ބެހޭ ގޮތުން ރައީސް ވިދާޅުވީ، އައްޑޫއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އެސްއެމްއީ ހަބަކަށް ހައްދަވާނެ ކަމަށެވެ. މި އަހަރުގެ ތެރޭގައި އޭގެ ގާނޫނީ އަދި އިދާރީ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަކީ އައްޑޫގެ އެސްއެމްއީތަކަށް "ރަންޒަމާނަކަށް" ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ބިންތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށް ވާތީ، މިފަދަ އުއްމީދީ މަޝްރޫއުތަކަށް އެންމެ ފަސޭހައިން ހުރަސްއެޅޭނީ ކައުންސިލްތަކަށް ކަމަށެވެ. އެހެންކަމުން، އާއިލީ ވިސްނުމަށް ވުރެ ބޮޑަށް މުޅި ސިޓީގެ ތަރައްގީގެ މަސްލަހަތު އިސްކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފަ އެވެ.



