ދޫންޏަށް ވޯޓް ދީގެން ވާނީ ފައިދާ، ޕީއެންސީ އަކީ އެންމެންގެ ޕާޓީއެއް: ރައީސް

"ދޫންޏަށް ވޯޓް ދީގެން ވާނީ ފައިދާ. ޕީއެންސީ އަކީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ޕާޓީއެއް،" ރައީސުލްޖުމްހޫރިއްޔާ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ލިބޭނީ ފައިދާ ކަމަށާއި، އެ ޕާޓީއަކީ އޭގެ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން ތަރައްޤީގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް އިތުރު ހަލުވިމިނެއްގައި ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮވެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް އެ ސިޓީގެ އެކި ރަށްރަށުގައި 48 މަޝްރޫޢެއް ތަފާތު މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ ބަޖެޓުގައި "ނިއު ޕޮލިސީ އިނިޝިއޭޓިވް" ގެ ދަށުން އައްޑޫ ސިޓީއަށް އިތުރު 18 މަޝްރޫޢެއް ހިމަނާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީގެ ހުރިހާ މަގެއް ހެދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓާއި، މެޝިނަރީ އަދި މަސައްކަތްތެރިން ހޯދުމުގެ ކަންކަން މިހާރު ތަރުތީބުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢުތައް ހުއްޓުމަކަށް އަތުވެދާނެ ނުވަތަ ލަސްވެދާނެ ފަދަ ނިންމުމެއް ނުނިންމުމަށް ރައީސް ރައްޔިތުންގެ ކިބައިން އިލްތިމާސްކުރެއްވިއެވެ.

"ދޫންޏަށް ވޯޓް ދީގެން ވާނީ ފައިދާ. ޕީއެންސީ އަކީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ޕާޓީއެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ވާހަކަފުޅާއެކު އެމަނިކުފާނު ވަނީ ސަރުކާރުގެ ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބު ކުރުމުގެ މުހިންމުކަން ތަކުރާރު ކުރައްވާފައެވެ

ހިއްސާ ކުރައްވާ!