"ޤައުމަށް ޣައްދާރުވުމުގެ ކުށެއް ކުރީ 37 މިލިއަން ޚަރަދުކޮށްގެން": ރައީސް

 "ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފު، އެންމެ މަތީ ޚިޔާނާތުގެ ކުށަކަށްވާނެ ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމެއް. އަދި މިކަން މިކުރީވެސް ރައްޔިތުންގެ ފައިސާއިން 37 މިލިއަން ޚަރަދުކޮށްފައި. އެންމެ މަތީ ޚިޔާނާތުގެ ކުށެއް ނުވަތަ ޤައުމަށް ޣައްދާރުވުމުގެ ކުށެއް މިކުރީ ޚަރަދުވެސް ކޮށްގެން،" ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގަސްތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށާއި، އެއީ ޤައުމަށް އެންމެ މަތީ ދަރަޖާގައި ޣައްދާރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރު ހިންގީ ޤައުމީ އެއްވެސް ވިސްނުމެއް ނެތް ބައެއް ކަމަށާއި އެކަން ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުން އެކަނިވެސް ސާފުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފޯޅަވަހީގެ މައްސަލަ މޮރިޝަސް ސަރުކާރުން އާބިޓްރޭޝަނަށް ހުށައެޅި ނަމަވެސް، އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނުނަމަވެސް އެ ނިންމުމަކަށް ޗެލެންޖު ކުރަން ސަރުކާރަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވުމަށް ފުރުސަތު ނުދީ، މިދިޔަ ސަރުކާރުން އިސްވެ ކަނޑުގެ މައްސަލަ އިޓްލޮސްއަށް ހުށައެޅުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް މައްސަލަ ނިމިގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފު، އެންމެ މަތީ ޚިޔާނާތުގެ ކުށަކަށްވާނެ ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމެއް. އަދި މިކަން މިކުރީވެސް ރައްޔިތުންގެ ފައިސާއިން 37 މިލިއަން ޚަރަދުކޮށްފައި. އެންމެ މަތީ ޚިޔާނާތުގެ ކުށެއް ނުވަތަ ޤައުމަށް ޣައްދާރުވުމުގެ ކުށެއް މިކުރީ ޚަރަދުވެސް ކޮށްގެން،" ކަމަށެވެ. އަދި މިވަރުގެ ކަމެއް ކޮށްފައި ތިބި ބަޔަކު ނުކުމެ ރައްޔިތުންގެ ގާތުގައި ވޯޓަށް އެދެމުންދާތީ ރައީސް ވަނީ ފާޑުވިދާޅުވެފައެވެ.

President Muizzu Accuses Former Government of ‘Treason’ Over Maritime Loss

ރައީސް ވިދާޅުވި ގޮތުގައި ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތަށް ސަރުކާރަށް ލަފާ ދޭ ބައިނަލްއަޤްވާމީ މާޙިރުން ވެސް ވަނީ، މިދިޔަ ސަރުކާރުން ޤައުމަށް ގެއްލުންވާނެ ފަދަ މަގަކުން މި މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ސުވާލު އުފައްދާފައެވެ. އަދި މިކަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި، ސިއްރު ސިޓީއެއް ފޮނުވައިގެން ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީއަކީ ބޮޑު ޚިޔާނާތަކަށް ވާތީ، އެ ސިޓީ އަނބުރާ ގެންނަވަން ނިންމަވައި، ރިޔާސީ ބަޔާން އިއްވެވި ދުވަހުގެ މެންދުރު ފަހު އެކަން މޮރިޝަސް ސަރުކާރަށް ރަސްމީކޮށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށައަޅައިގެން ގެއްލުނު ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމެވެ.

މި މަސައްކަތަކީ ގޮންޖެހުންތަކެއް ހުރި މަސައްކަތެއް ނަމަވެސް، ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. "މިހާރު ޗެލެންޖިން، ނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ކުރާނަން. އެކަން އަޅުގަނޑުމެންނަށް ސާފު،" ރައީސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!