މާލޭގައި، ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުޅުއްވައިދެއްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ހދ. އަތޮޅުގެ ކެމްޕޭނަށް ޚާއްޞަ ޖަގަހައެއް މާލޭގައި ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފެވެ.

އިރުދޭމާ ހިނގުމުގައި ހުންނަ ހ. އޮއިސްޓަރގައި ގާއިމުކުރި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ހދ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި، ސްޓޭޓް މިނިސްޓަރު ހުސެއިން ޒާހިރުގެ އިތުރުން ހދ. އަތޮޅުގެ ކައުންސިލްތަކަށް ވާދަކުރައްވާ ބައެއް ބޭފުޅުން ވާހަކަދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވަނީ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ކައުންސިލްތަކަށް އިދިކޮޅު ކެންޑިޑޭޓުން ހޮވުނު ނަމަވެސް ތަރައްގީއަށް ހުރަސް ނޭޅޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން ނާއިބު ރައީސް ވިދާޅުވީ، "ރަށްރަށުގައި އޮންނަ ކައުންސިލުތައް ވެގެންދާންޖެހޭނީ އޭރަކު އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް" ކަމަށެވެ.

ނާއިބު ރައީސް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރުވެސް ސަރުކާރަށް އެއްބާރުލުން ނުދޭއިރު، މާޒީގައިވެސް އެ ބޭފުޅުން އަމަލުކުރައްވާފައިވަނީ ތަރައްގީއަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމަލާއި ބަސް ދިމާނުވާކަން ފާހަގަކުރައްވަމުން، އިންތިހާބުތައް އެއްކޮށްލުމަށް ކުރިން ގޮވާލުމަށްފަހު މިހާރު އެކަމާ ދެކޮޅު ހެދުމަކީ އޭގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ނާއިބު ރައީސް ވަނީ ރަށްރަށަށް އެންމެ ފުރިހަމަ ތަރައްގީއާއި މޮޅު ގޮތްތައް ހޯދައިދިނުމަށްޓަކައި، ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!