ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި އެވެ. މިއަދު މެންދުރު ފަހު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން، އެ ދާއިރާގެ މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ، ރައްޔިތުންގެ ޙާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއި ބައެއް ވިސްނުންތައް ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ. މަގުމަތީން ބައްދަލްވެވަޑައިގެންނެވި އާންމުންނާ ސަލާމް ކުރައްވައި، ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރިއަށްގެންދާއިރު، މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ކާމިޔާބު ކުރެވިފައެވެ.


