މިސްކިތްތަކުގައި ސަޢުދީން ހަދިޔާކުރި މުސްޙަފްތައް ބަހައްޓައިފި

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކުގައި ބަހައްޓަން ފަށައިފިއެވެ. މި މުސްޙަފްތަކަކީ މިދިޔަ އަހަރުގެ ތެރޭގައި ދެ ބުރެއްގެ މަތިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 50,500 މުސްޙަފްގެ ތެރެއިން ބައެކެވެ.

މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިތުރުން، ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ. އެގޮތުން މިހާރުވެސް އެކި ޤުރުއާން ކުލާސްތަކަށް މުސްޙަފްތައް ހަދިޔާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިންމައި، އަލަށް ހުޅުވާފައިވާ ގިނަ މިސްކިތްތަކަކަށް މިހާރު ވަނީ މި މުސްޙަފްތައް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ އިސްލާމީ މަރުކަޒު (މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު)، ޅ. ކުރެންދޫ މަސްޖިދުއް ސިއްދީޤް، ނ. މަނަދޫ މަސްޖިދުއްތަޢުބާ، ސ. މަރަދޫ މަސްޖިދު ރައްޔާން، އަދި ށ. ފޯކައިދޫ މަސްޖިދުލް ނޫރު ހިމެނެއެވެ.

މީގެ އިތުރުން ޅ. އޮޅުވެލިފުށި މަސްޖިދުލް އިޚްލާސް، ލ. ގަން ތުނޑީ ބަނދަރު މިސްކިތް، ހއ. އިހަވަންދޫ މަސްޖިދު ޒުވައިދާ އަޙްމަދާއި މަސްޖިދު އީމާން، އދ. އޮމަދޫ މަސްޖިދުލް ރަޙްމާ، ނ. ކުޑަފަރީ މަސްޖިދު މުޙައްމަދު ޤާސިމް، ނ. ކެނދިކުޅުދޫ މަސްޖިިދު ޝަމީމާ ޢަބްދުﷲ، ލ. ގަން މަސްޖިދުލް ސަލާމް އަދި މަސްޖިދު ޔޫސުފުލް ބަރުބަރީގައި ވެސް ވަނީ މުސްޙަފްތައް ބަހައްޓާފައެވެ.

ސަޢުދީ ސަރުކާރުން ހަދިޔާކުރި މި މުސްޙަފްތަކަކީ ރާއްޖޭގެ ދީނީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ. މިސްކިތްތަކަށް ނަމާދަށްދާ ފަރާތްތަކަށް ފަސޭހަކަމާއެކު ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަސައްކަތުގެ މައިގަނޑު އެއް މަޤްޞަދެވެ.

ހިއްސާ ކުރައްވާ!