"ތިޔަ ކަނބަލުންގެ އަޑަކީ އަޅުގަނޑުމެންގެ މުސްތަޤުބަލު ބައްޓަންކޮށްދޭ ބާރު": ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮންމެ އަންހެނަކަށްމެ ކަރާމާތާއި، ހަމަހަމަ ފުރުސަތުތަކާއި އަދި އިންސާފު ކަށަވަރުކޮށްދިނުމަށް މުޅި މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ ދިވެހި އަންހެނުންނަށް ދުވަހުގެ ތަޙުނިޔާ ފޮނުއްވައި، އެކަނބަލުން ކުރައްވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މި ދުވަސް ފާހަގަކުރަނީ ދިވެހި އާއިލާތައް ތަރުބިއްޔަތުކޮށް، މުޖުތަމަޢުތަކަށް މަގުދައްކައިދީ، ޤައުމަށް އުންމީދު އާކޮށްދޭ ހިތްވަރުގަދަ އަދި ޙިކުމަތްތެރި އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
First Lady Calls for Dignity and Equal Opportunity on International Women’s Day
އަންހެނުންގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، "ތިޔަ ކަނބަލުންގެ އަޑަކީ އަޅުގަނޑުމެންގެ މުސްތަޤުބަލު ބައްޓަންކޮށްދޭ ބާރު" ކަމަށެވެ. އަދި މައިންގެ ގޮތުގައާއި، އަންހެން ދަރިންނާއި، އުޚުތުންގެ އިތުރުން ލީޑަރުންގެ ގޮތުގައި ދިވެހި އަންހެނުން ދައްކުވައިދޭ ހިތްވަރާއި އޯގާތެރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޖިންސުގެ ތަފާތުކުރުމެއް ނެތި، އިންސާފާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ، ހުވަފެންތައް ހަޤީޤަތަކަށް ހެދޭނެ ފަދަ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެކަމަނާގެ މެސެޖުގައި ބާރުއަޅުއްވާފައިވެއެވެ.







