އޮސްޓްރޭލިއާއިން އީރާނުގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަސް ކުޅުންތެރިއަކަށް ހިމާޔަތް ދީފި

މެޗެއްގެ ކުރިން ގައުމީ ސަލާމް ކިޔުމަށް އިންކާރު ކުރުމުން، އެއީ ގައުމަށް ޣައްދާރުވި ބައެއްގެ ގޮތުގައި ލޭބަލްކުރުމާ ގުޅިގެން ހިމާޔަތަށް އެދުނު އީރާނުގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަސް މެންބަރަކަށް އޮސްޓްރޭލިއާއިން އިންސާނީ އެހީގެ ވިސާ ދީފިއެވެ.

ކެންބަރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވީ، "މި ހިތްވަރުގަދަ އަންހެނުންނަށް ދިމާވި ހިތާމަވެރި ހާލަތުގެ ސަބަބުން އޮސްޓްރޭލިއާގެ ރައްޔިތުންގެ ހިތްތައް ވަނީ ކުދިކުދި ވެފައި،" ކަމަށެވެ. އަދި "އެކަނބަލުން މިތާ ތިބީ ރައްކާތެރިކަމާއެކު، މިއީ އެކަނބަލުންގެ އަމިއްލަ ވަޒަން ފަދައިން އިހުސާސް ކުރަންވާނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒްއިން ހާމަކޮށްފައިވާ ގޮތުގައި މި ފަސް ކުޅުންތެރިންނަކީ ކެޕްޓަން ޒަހްރާ ޣަންބަރީ، މިޑްފީލްޑަރުން ކަމަށްވާ ފާތިމަތު ޕަސަންދީދާ، ޒަހްރާ ސަރްބާލީ އަލީޝާ، މުނާ ހަމޫދީ އަދި ޑިފެންޑަރު އާތިފާ ރަމަޟާނީޒާދާ އެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، 2026 ވަނަ އަހަރު ކުއީންސްލޭންޑްގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕަށް އޮސްޓްރޭލިއާއަށް ޒިޔާރަތްކުރި އީރާނު ޓީމުގެ ބާކީ ތިބި ކުޅުންތެރިން ތިބީ ގޯލްޑް ކޯސްޓްގެ ހޮޓަލެއްގައި ކަމަށެވެ.

އަދި ޓީމުގެ އެހެން މެންބަރުންނަށް ވެސް އޮސްޓްރޭލިއާގައި މަޑުކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމީހުން އީރާނަށް އަނބުރައި ނުފޮނުވުމަށް ޓްރަމްޕް ވަނީ އޮސްޓްރޭލިއާއަށް ބާރުއަޅާފައެވެ.

ހިއްސާ ކުރައްވާ!