ޑެންމާކުގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި މޫނުބުރުގާ އެޅުން މަނާކުރަން ނިންމައިފި

ޑެންމާކުގެ އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން، އެ ގައުމުގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވަމުން ޑެންމާކުގެ މިނިސްޓަރ ފޯ އިމިގްރޭޝަން އެންޑް އިންޓަގްރޭޝަން ރަސްމުސް ސްޓޮކްލަންޑް ވިދާޅުވީ، ބުރުގާ ނުވަތަ ނިގާބު ފަދަ މޫނު ފޮރުވޭ ފަދަ ހެދުންތަކަކީ ޑެންމާކުގެ ކްލާސްރޫމްތަކަށް އެކަށީގެންވާ އެއްޗެއް ނޫން ކަމަށެވެ.

ޑެންމާކުގައި އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރީ އޮގަސްޓް 2018 ގައެވެ. އެ ގާނޫނާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭއިރު، މިހާރު ހުށަހަޅާފައިވާ ބަދަލާއެކު ތައުލީމީ މުއައްސަސާތަކުގައި ވެސް މޫނު ނިވާކުރުން މަނާވާނެއެވެ.

"އާންމު ތަންތަނުގައި މޫނު ނިވާކުރުން މިހާރުވެސް އޮތީ މަނާކޮށްފައި، އެހެންކަމުން ތައުލީމީ މަރުކަޒުތަކުގައި ވެސް މި އުސޫލު އޮންނަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ ހިޖުރަކޮށްފައިވާ މުސްލިމުން ޑެންމާކުގެ މުޖުތަމައަށް ބޮޑަށް ލާމެހުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. ލިބަރަލް ޕާޓީގެ ތަރުޖަމާނު ހާންސް އެންޑަސަން ވިދާޅުވީ، ކިޔަވައިދޭ މުދައްރިސަށް ދަރިވަރުގެ މޫނު ނުފެންނަ ގޮތަށް މުޅިން ނިވާވެގެން ކްލާސްރޫމުގައި އިނުމަކީ ޑެންމާކުގެ ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށެވެ.

ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ދަންނަބޭކަލުން މި ނިންމުމަށް ފާޑުކިޔަމުންދެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދީނީ މިނިވަންކަމާއި އަންހެނުންގެ އަމިއްލަ އިހުތިޔާރަށް އަރައިގަތުމުގެ އިތުރުން، ވަކި ބަޔަކަށް އަމާޒުކޮށް ހިންގޭ ތަފާތުކުރުމެކެވެ.

މި ބިލު ޑެންމާކުގެ ޕާލަމެންޓަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 2026 ގައެވެ. ޔޫރަޕްގެ އެހެން ގައުމުތަކަށް ބަލާއިރު، އޮސްޓްރިއާގެ ޕާލަމެންޓުން ވެސް ވަނީ 14 އަހަރުން ދަށުގެ އަންހެން ކުދިން ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރާ ގާނޫނެއް މިދިޔަ ޑިސެމްބަރު މަހު ފާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!