އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ކަނޑުގެ ސިފައިންނަށް ބޭނުންވާ އާ މަނަވަރުތައް ބަނުމަށް ބޭނުންވިއަސް އެފަދަ ގާބިލު ކަމެއް އެމެރިކާގައި ނެތް ކަމަށް އެއްބަސްވެ ވަޑައިގެންފިއެވެ. ޓްރަމްޕް ވަނީ އެފަދަ ގާބިލުކަމެއް އޮތް ގައުމަކީ ދެކުނު ކޮރެއާ ކަމުގައި ވިދާލުވެފައެވެ. އަދި ދެކުނު ކޮރެއާގެ ހަންވަހާ އޯޝަން ކުންފުންޏަކީ މަނަވަރުތައް ބަނުމުގެ ޑީލް ދިނުމަށް އިސްކަންދޭ ބައިވެރިއެއްގެ ގޮތުގައި ކަނޑައެޅުއްވައިފިއެވެ. އަދި މިއާއެކު އެމެރިކާގެ އަމިއްލަ މަނަވަރު ބަނުމުގެ ގާބިލުކަން ދަށްވެފައިވާ މައްސަލަ ބޮޑު ބަހުސަކަށް ވެއްޖެއެވެ.
ޓްރަމްޕްގެ މި ނިންމެވުމާއެކު، ހަންވަހާ އޯޝަން ވަނީ އެ ކުންފުންޏާ ވާދަވެރި އެޗްޑީ ހިއުންޑާއީއަށް ވުރެ ކުރި ހޯދައި، "މޭކް އެމެރިކަން ޝިޕްބިލްޑިންގް ގްރޭޓް އެގެއިން" (މަސްގާ)ގައި ވާދަވެރިކަމުގައި ވަރުގަދަ މަގާމެއް ހޯދާފައެވެ. ނަމަވެސް، މުހައްލިލުން ފާހަގަކުރާ ގޮތުގައި މީގެ އަސްލު މައްސަލައަކީ އެމެރިކާގެ އެތެރޭގައި އެކަށީގެންވާ ހަލުވިމިނެއްގައި މަނަވަރުތައް ބަނުމަށް ހުނރުު ނެތުމާއި ނުކުޅެދުމެވެ.
ދުނިޔޭގެ ފެންވަރުގެ ކަނޑުގެ އަސްކަރީ ޓެކްނޮލޮޖީ އެމެރިކާގައި ހުރި ނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަނަވަރުތައް ބަނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޝިޕްޔާޑްތަކުގެ ޖާގަ އަދި ހުނަރު އެ ގައުމުގައި މިހާރު ނެތެވެ. މި ހުސްކަން ފޫބެއްދުމަށް އެމެރިކާއިން މިހާރު އެދެމުންދަނީ ކޮރެއާގެ މަނަވަރު ބަނުމުގެ ތަޖުރިބާކާރުންގެ އެހީތެރިކަމަށެވެ.
އަސާން އިންސްޓިޓިއުޓްގެ ޔަންގް އުކް ވިދާޅުވި ގޮތުގައި، "ޓެކްނޮލޮޖީ މިހާރުވެސް އެމެރިކާގައި އެބަހުއްޓެވެ. މައްސަލައަކީ އުފެއްދުންތެރިކަމުގެ ގާބިލުކަން ނެތުމެވެ. ކޮރެއާގެ ތަޖުރިބާ މުހިންމުވަނީ އެ ސަބަބަށްޓަކައެވެ."
ހަންވަހާ އޯޝަންއަށް މި ފުރުސަތު ލިބުމުގައި އެ ކުންފުނިން ފިލަޑެލްފިއާގެ ޝިޕްޔާޑެއް ގަނެފައި އޮތުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ވެއެވެ. ރައީސް ޓްރަމްޕް މި ބައިވެރިވުން ސިފަކުރެއްވީ ބޭރުގެ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެމެރިކާގެ ޝިޕްޔާޑްތައް އަލުން ދިރުވައި، ގައުމުގެ އެތެރޭގައި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް އެޅުނު ސިޔާސީ އަދި ސިނާއީ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައެވެ.







