ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ ހުޅުއްވައިދެއްވައިފިއެވެ. މި ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ހުޅުމާލޭގައެވެ.
މި ޙަފްލާގައި ފަސްޓް ލޭޑީގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙް އާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި، ވަކިން ޚާއްސަކޮށް ވެރިރަށް މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ރައްޔިތުންނާ ބައްދަލު ކުރައްވައި ހާލުއަޙުވާލު އައްސަވައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުންނެވެ. އަދި ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތަކުގައި ސީދާ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ކޮންމެ ރެއަކުހެން މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތައް ޕީއެންސީ އިން ދަނީ ބާއްވަމުންނެވެ.
މުޅި ރާއްޖޭގައިވެސް ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތައް މިހާރު ކުރިއަށްދަނީ ވަރަށް ފޯރިއާއި ޖޯޝާއެކުގައެވެ.
First Lady Sajidha Opens PNC Campaign Booth in Hulhumalé Middle
