ރައީސްގެ ތާއީދު ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް، ދޫންޏަށް އެކަނި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރުގެ ފުރިހަމަ ތާއީދު އޮތީ ހަމައެކަނި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ވިދާޅުވީ، އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑުގެ ތާޢީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި. ޕީއެންސީ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުންނަ ކެންޑިޑޭޓަކަށްވިޔަސް އެމްޑީޕީ ޓިކެޓްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އެއްވެސް އެހެން ބޭފުޅެއްގެ ޕާޓީއެއްގެ ޓިކެޓްގައި ހުރި ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާޢީދެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރައީސްގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށް ރައީސް ސާފުކޮށްދެއްވިއެވެ. މި ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކުވެސް ކުރިމަތިލާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދޮރުން ދޮރަށް ހިންގެވިއިރު ބައެއް ގޭގެއިން އެމަނިކުފާނުގެ ތާއީދު އެމްޑީޕީ ކެންޑިޑޭޓަށް އޮތް ކަމަށް އެ ކެންޑިޑޭޓު ބުނަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ދޮގު ވާހަކަތައް އެއްވެސް ރައްޔިތަކު ގަބޫލުނުކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ޕާޓީގެ ނިންމުމާ އެއްގޮތަށް ހަމައެކަނި ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބާ ގުޅިގެން ރައީސް މުޢިއްޒު ވަނީ މާލޭގެ ހުރިހާ ދާއިރާތަކަކާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހިންގަވައި، ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވަމުންނެވެ.

ހިއްސާ ކުރައްވާ!