ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު

ދައުލަތުގެ ރަސްމީ ރިޒާވުގައި ފެބުރުވަރީ މަހުގެ ނިޔަލަށް 1.27 ބިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރު ފެށުނުއިރު ޖަނަވަރީ މަހު ރަސްމީ ރިޒާވުގައި ހުރި 1.03 ބިލިޔަން ޑޮލަރާ އަޅާބަލާއިރު %23 ގެ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރު ފެށިގެން އައިއިރު ރަސްމީ ރިޒާވް ވަނީ އެއް ބިލިޔަން ޑޮލަރުގެ ހުރަސްކޮށްފައެވެ. ރަސްމީ ރިޒާވަށް މި އައި ހެޔޮ ބަދަލާއެކު، ދައުލަތުން އަމަލީ ގޮތުން ބޭނުންކުރެވޭ ރިޒާވަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 301.4 މިލިޔަން ޑޮލަރެވެ. ނަމަވެސް ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ވަނީ 337 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %11.8 ގެ ކުރިއެރުމެކެވެ.

ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު އައިސްފައިވާ ކުރިއެރުމެކެވެ.

މީގެ އިތުރުން، ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ 1.03 މިލިޔަން ޑޮލަރުގައެވެ. ރިޒާވް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން، މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރާ ހަމައަށް މަރުކަޒީ ބޭންކަށް 492 މިލިޔަން ޑޮލަރު މާރުކޮށްފައިވާކަން ހާމަކުރައްވާފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ރިޒާވް ވަރުގަދަވުމަށް މަގުފަހިވި މުހިންމު ސަބަބެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!