ހިމޭން ކުއްޖެއް.. ފަހުން މަސްޖިދުލްޙަރާމްގެ އިމާމް

1970 ގެ އަހަރުތަކުގެ ތެރޭގައި، ވަރަށް މަޑުމައިތިރި، ބަސްމަދު، އަދި އެހާމެ ހިމޭން ކުއްޖަކު އުޅުނެވެ. އޭނާއަކީ މަޝްހޫރުކަން ހޯދުމަށާއި ކެމެރާތަކުގެ ކުރިމައްޗަށް އެރުމަށް ލޯބިކުރި ކުއްޖެއް ނޫނެވެ. އޭނާގެ ހިތުގައި އޮތީ ހަމައެކަނި ކީރިތި ޤުރުއާނަށް އޮތް ލޯތްބާއި އަދުލުވެރިކަމަށް އޮތް ޝައުޤުވެރިކަމެވެ. އެއީ މިއަދު މުޅި ދުނިޔެ ދަންނަ ފަޟީލަތުއްޝައިޚް ޑރ. ސައޫދުއްޝުރައިމް އެވެ.

ޝައިޚް ސައޫދުއްޝުރައިމް ތަޢުލީމު ހާސިލުކުރެއްވީ އުއްމުލްޤުރާ ޔުނިވަރސިޓީންނެވެ. އޭނާއަކީ ކިޔެވުމުގައި ވަރަށް ހަރުދަނާ، އަދި ނަތީޖާ ރަނގަޅު ދަރިވަރެކެވެ. އިސްލާމީ ފިޤުހުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވުމަށްފަހު، ސައުދީ އަރަބިއްޔާގެ އެންމެ މަތީ ފަނޑިޔާރުގެތަކުގައި ފަނޑިޔާރުކަން ކުރެއްވިއެވެ. އޭނާގެ ނަޒާހަތްތެރިކަމާއި އިޚްލާޞްތެރިކަމަކީ އެންމެންވެސް ފާހަގަކުރި ކަމެކެވެ. ބައެއް ޚަބަރުތައް ބުނާގޮތުން، ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާގެ ނިންމުން ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރި އެވެ. އެދުވަހު އޭނާ އެކަމަށް އިންކާރުކުރައްވައި، އަމިއްލަ ނަފްސުގެ އިއްޒަތާއި ދީނީ ހަމަތައް ހިފެހެއްޓެވިއެވެ. އިރުތު ބަސްފުޅެއް ވިދާޅުނުވެ ނިކުންނެވި ގޮތަށް ދެން އެނބުރި އެގޮނޑިއަކަށް ވަޑައެއް ނުގެންނެވިއެވެ.

މީލާދީން 1991 ވަނަ އަހަރަކީ ޝައިޚް ޝުރައިމްގެ ޙަޔާތްޕުޅުގެ މުހިންމު އަހަރެކެވެ. އުމުރުން އެންމެ 28 އަހަރުގައި، އޭނާ މަސްޖިދުލްޙަރާމްގެ އިމާމަކަށް އައްޔަންކުރެވުނެވެ. މިއީ ޒަމާނީ ތާރީޚެއްގައި އެހާ ޅައުމުރެއްގައި މިފަދަ މަތިވެރި މަޤާމަކަށް މީހަކު އައްޔަންކުރެވުނު މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. އޭނާގެ ޤުރުއާން ތިލާވަތަކީ، ހިތްތަކަށް އަސަރުކުރުވާ، އަސަރުގަދަ އަދި އެހާމެ ހިމޭންކަން އެކުލެވިގެންވާ އަޑެކެވެ. ޚާއްޞަކޮށް ނަމާދުގައި ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވާއިރު، އޭނާގެ ލޮލުން އޮހޭ ކަރުނައަކީ ތިރީސް އަހަރަށްވުރެ ގިނަ ދުވަހު މުސްލިމުންގެ ހިތްތައް މަޑުމޮޅިކުރުވި ކަމެކެވެ.

ޝައިޚް ޝުރައިމްގެ ޙަޔާތްޕުޅުގައި ބައެއް ގޮންޖެހުންތަކާވެސް ކުރިމަތިލައްވަންޖެހިވަޑައިގަތެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާގެ ނަމުގައި ހިންގި އެކައުންޓަކުން ބައެއް ސިޔާސީ ކަންކަމާ ގުޅޭގޮތުން ފާޅުކުރި ޚިޔާލުތަކަކާ ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެހެންނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެއީ އޭނާ ގެންގުޅުއްވި ރަސްމީ އެކައުންޓެއް ނޫން ކަމަށެވެ. މި ހުރިހާ ކަމެއްގެ ތެރޭގައިވެސް ޝައިޚް އިޚްތިޔާރުކުރެއްވީ އޭނާގެ އާދައިގެމަތިން ހިމޭންކަމެވެ.

2023 ވަނަ އަހަރު، އެއްވެސް ރަސްމީ އިޢުލާން ކުރުމަކާ ނުލައި ޝައިޚް ޝުރައިމް ވަނީ އިމާމްކަމުން ވަކިވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެންމެ ޖުމުލައެވެ. "އަމިއްލަ ސަބަބުތަކަކަށްޓަކައެވެ." އޭނާ މިއަދު މަސްޖިދުލްޙަރާމްގެ މިންބަރުގައި ފެންނަން ނެތް ނަމަވެސް، އޭނާގެ އަޑަކީ މިއަދުވެސް ކާރުތަކުގައާއި، ގޭގޭގައާއި، އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންގެ ކަންފަތްތަކަށް ގުގުމަމުންދާ އަޑެކެވެ.

ޝައިޚް ސައޫދުއްޝުރައިމްގެ ޙަޔާތްޕުޅުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، އިންސާނަކު މަޝްހޫރުކަމުގެ ފަހަތުން ނުދުވިޔަސް، އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުން ދުނިޔެ އެމީހަކު ބަލައިގަނެ، ދުނޔެއަށް ބޮޑު ބަދަލެއް ގެނެވިދާނެކަމެވެ. އޭނާއަކީ ބަސްމަދު ހިމޭންކަމުގެ ތެރެއިން މުޅި ދުނިޔެއަށް މެސެޖު ފޯރުކޮށް ދެއްވި، އަދި މިއަދުވެސް އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ލޯބި ބިންވަޅު ނެގިފައިވާ މަތިވެރި ޝަޚްޞިއްޔަތެކެވެ.

ހިއްސާ ކުރައްވާ!