ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް، ހުޅުމާލޭގައި ހުންނަ ވިނަރެސް ފްލެޓްތަކަށް މިއަދު ޒިޔާރަތްކުރައްވައި، އެތަނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދުގެ މި ހަރަކާތަކީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން ޚާއްސަކޮށް ވިނަރެސް ފްލެޓްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ހަރަކާތެކެވެ.
މި ޒިޔާރަތުގައި މޫސާ ޢަލީ ޖަލީލް ވަނީ ހުޅުމާލެ މެދު ދާއިރާގައި ހިމެނޭ ވިނަރެސްގެ ބައެއް އެޕާޓްމަންޓްތަކަށް ވަޑައިގެން، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި މާލެ ސިޓީގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ތަސައްވުރާއި ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

މި ޒިޔާރަތުގައި މޫސާ ޢަލީ ޖަލީލްގެ އިތުރުން، ހުޅުމާލެ މެދު ދާއިރާގެ މެންބަރު ހުސައިން ޝަރީފާއި، މާލެ ސިޓީގެ ބައެއް ދާއިރާތަކުގެ މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓަށް ކޮންގްރެސް ޕާޓީން ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.
މި ކެމްޕެއިންގެ ތެރެއިން ދޮރުން ދޮރަށް ހިނގުމުގެ އިތުރުން، ޖަގަހަތައް ހުޅުވުމާއި ރައްޔިތުންނަށް ސިޔާސަތުތައް ހިއްސާކުރުމުގެ އެކި ހަރަކާތްތައް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އެ ޕާޓީން ދަނީ ހިންގަމުންނެވެ.




