ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަކަށްފަހު، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް އެމެރިކާގެ ސިފައިން ވަގަށް ނަގައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދެންމެ މިކަން އިއުލާނު ކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މުޅި ވެނެޒުއޭލާ ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ވެނެޒުއޭލާއާއި އެ ގައުމުގެ ލީޑަރާ ދެކޮޅަށް ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން މިހާރު ތިއްބެވީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށާއި، އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނަށްފަހު އެ ދެބޭފުޅުން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
2026 ވަނަ އަހަރުގެ ތިންވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަރަކަސްގެ އެކި ސަރަހައްދުތަކުން މަދުވެގެން ހަތް ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އެ ސިޓީގެ ރައްޔިތުން ރިޕޯޓުކޮށްފައިވެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެ، ބޯ ދުންތައް މައްޗަށް އަރަމުންދެއެވެ. އަދި އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް، މި ހަމަލާތަކަކީ އެމެރިކާގެ "އިމްޕީރިއަލިސްޓް" ހަމަލާއެއްގެ ގޮތުގައި ވެނެޒުއޭލާ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ހަމަލާދީފައިވަނީ އާންމުންގެ ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.
މަޑޫރޯ ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ ވެނެޒުއޭލާ ސަރުކާރުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުން ވަނީ ގައުމުގެ ދިފާއީ ހުރިހާ ޕްލޭންތަކެއް ތަންފީޒުކުރުމަށް އަމުރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަގުތަކަށް ނުކުމެ މި ހަމަލާއާ ދެކޮޅަށް އަޑުއުފުލުމަށްވެސް ވަނީ ގޮވާލާފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އެމެރިކާގެ މާ-އަ-ލާގޯގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.







