އެމެރިކާ ބޭނުން ނަމަ ގައުމެއްގެ ރައީސަކު އުފުރާ ލެވިދާނެތަ؟

މީގެ ކުރިން ވެސް އެމެރިކާއިން ވަނީ މަގާމުގައި ހުންނެވި ރައީސަކު ބާރުގެ ބޭނުންކޮށްގެން އުފުރާލައިގެން އެމެރިކާއަށް ގެންގޮސް ޝަރީއަތްކޮށް ޖަލަށް ލާފައެވެ. 1989 ވަނަ އަހަރު އެމެރިކާ ސިފައިން ޕެނަމާއަށް އަރައިގަނެ، ނޮރިއެގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމެރިކާއަށް ގެންގޮސް، އެމެރިކާގެ ކޯޓެއްގައި ޝަރީއަތް ހިންގިއެވެ.

އެއް ޒަމާނެއްގައި ސީއައިއޭގެ އެސެޓެއް ކަމަށްވާ ނޮރިއެގާ ވަނީ ވޮޝިންޓަނަށް ބަލަދު އެރުމުން އޭނާއާ ދެކޮޅަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާ ސިފައިން އޭނާ ހައްޔަރު ކުރަން އުޅުމުން ޕެނަމާ ސިޓީގައި ހުންނަ ވެޓިކަން އެމްބަސީން ހިމާޔަތް ހޯދައިގެން ހުއްޓައި، އެމެރިކާ ސިފައިން ވެޓިކަން އެމްބަސީ ވަށާލައިގެން ތިބެ އަޑުގަދަ ކޮށް މިއުޒިކް ޖަހައި އޭނާ ހަވާލުވުމަށް ޕްރެޝަރު ކުރި އެވެ.

ނޮރިއޭގާ އެމރިކާއަށް ގެނަސް 20 އަހަރުގެ ހުކުމެއް ގައި އެމެރިކާގައި ޖަލަށް ލާފައި ބެހެއްޓިއެވެ. އޭނާ ނިޔައުވީ ޕެނަމާގައި ބަންދުގައި ހުއްޓައެވެ.

އެމެރިކާގެ މިފަދަ އޮޕަރޭޝަންތަކުގެ މާނައަކީ އެމެރިކާއިން ބޭނުން ވެއްޖެނަމަ ގައުމެއްގެ ރައީސަކާ މެދު ވެސް ޖިނާއީ ތުހުމަތުތަކެއްކޮށް ހައްޔަރުކޮށްފާނެ ކަމެވެ. އިރާގާ މެދު އެމެރިކާއިން ކަން ކުރި ގޮތަކީ މި ހާލަތާ ތަފާތު ގޮތެއް ނޫނެވެ.

ނަމަވެސް މިފަދަ ކަންކަމަކީ ގައުމުގެ ސިޔާދަތަށް އަރައި ގަނެވޭ ކަންކަމެވެ. މިޒަމާނުގެ ދައުލަތްތައް ބިނާކުރުމާއި ދައުލަތުގެ ސިޔާދަތު ބިންވަޅު ނެގިފައި ވަނީ، ޔޫރަޕްގެ 30 އަހަރުގެ ހަނގުރާމަ ނިމުމަކަށް ގެނަސްދިން ވެސްޓްފާލިއާ ސުލްހައިގެ މުއާހަދާއިންނެވެ. މިއީ ގައުމުތަކުގެ ސިޔާދަތު ކަށަވަރުކޮށްދޭ ޢަޤީދާ ބިނާވެފައިވާ 1648 ވަނަ އަހަރުގެ ވެސްޓްފަލިއާގެ ސުލްހައިން އުފެދުނު ބައިނަލްއަގްވާމީ އުސޫލެވެ. މާނައަކީ އެއްގައުމުން އަނެއް ގައުމަށް އަރައިގަނެ އެއްގައުމުން އަނެއް ގައުމުގެ ވެރިމީހާ ހިފައި ހައްޔަރު ކުރުމަކީ މި އުސޫލުގެ ރޫހާ ޚިލާފް ކަމެކެވެ. މިހާތަނަށް ގައުމުތަކުން ވަނީ މިއުސޫލުު ދަމަހައްޓަމުން އައިސްފައެވެ.

މި އުސޫލަކީ ބޭރުގެ ބާރުތަކުން ގައުމެއްގެ ސިޔާދަތު ނިގުޅައި ގަތުމުން ގައުމު ރައްކާތެރިކުރުމަށް ބާރުއަޅާ އުސޫލެވެ. އަދި، ކޮންމެ ދައުލަތެއްގެ ސަރަހައްދުގެ ސިޔާދަތާއި ދާޚިލީ ކަންކަމުގެ މައްޗަށް އެދައުލަތަށް މި އުސޫލުން ޚާއްޞަ ބާރެއް ލިބިދެއެވެ.

ޖަރުމަންގެ ވެސްޓްފާލިއާ ސަރަހައްދަށް ނިސްބަތްވާ މިއުސޫލުގެ މައިގަނޑު އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ؛

  • ގައުމުތަކަށް ސަރަހައްދުގެ އެތެރޭގައި ސިޔާދަތު ލިބިގެންވުން
  • ބޭރުގެ ފިއްތުންތަކުން މިނިވަން ވުމާއެކު ފުރިހަމަ ސިޔާސީ ބާރުލިބިގެންވުން
  • ދައުލަތްތަކުގެ ޤާނޫނީ ހަމަހަމަކަން ކަށަވަރުވުމާއި
  • ބޮޑެތި ނުވަތަ ކުދި ހުރިހާ ދައުލަތްތަކަކީ އިސްތިޤްލާލީ ހަމަހަމަ ދައުލަތްތަކެއް ކަމުގައި ވުން
  • ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާއި ބޭރުގެ ފަރާތްތަކުން ދާޚިލީ ކަންކަމަށް ވަދެނުގަތުން

ވެސްޓްފާލިއާގެ ކުރިން ޔޫރަޕްގައި ވެރިކަން ކުރަމުން އައީ މައްސުނި ބާރުތަކާއެކު ސަރަހައްދީ ވެރިންނާއި ނަސާރާ އިސްފާދިރީގެ ބާރާއި އަދި ނުފޫޒުގަދަ ފަރާތްތަކުގެ ބަސްކިޔުމާއެކު އެއްބަޔަކު އަނެއް ބައެއްގެ ކަންކަމުގެ ތެރެއަށް ވަދެގަނެ، ބެހެވޭ ގޮތަށް އޮތް ނިޒާމެއްގައެވެ.

ވެސްޓްފާލިއާ ސުލްހައިގެ އެއްބަސްވުމަށްފަހު ކޮންމެ ދައުލަތެއް ވެސް އަމިއްލަ ސަރަހައްދުގެ ތެރޭގައި އެންމެ މަތީ ދަރަޖައިގައި ޒާތީ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި އެއް ހަމައެއްގައި ތިބޭ ބަޔަކަށްވެގެން ދިޔައެވެ.

މިއަދު ވެސްޓްފާލިއާ މޮޑެލްއަށް ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ބަވަނަ ވެފައިޥާ ދުނިޔެއެއްގައި ގައުމުތަކުގެ ބާރުތައް ފުށުއެރުމުގެ ސަބަބުންނެވެ.
ގައުމެއްގެ ސަރަހައްދެއްގައި ކޮރަޕްޝަނާއި އިންސާނީ ހައްގަށް އަރައިގަތުމައި މަސްތުވާތަކެތީގެ ވިޔަފާރި އާންމު ވެއްޖެނަމަ އެކަމާ ދެކޮޅަށް ރައްދު ދިނުމަށް ބައިނަލްއަގްވާމީ ގާނޫނުން ބާރު ލިބޭ ކަމަށް ބުނާ "ރައިޓް ޓު ރެސްޕޮންޑް" (އާރް2އާރް) އުސޫލު ބޭނުން ކުރުމަށް ގޮވާލައެވެ. ބައެއްފަހަރު ގައުމެއްގެ އެތެރޭގައި ފިތުނަވެރިކަން އާންމު ވެއްޖެނަމަ ބޭރުގެ ފަރާތްތައް ގައުމަށް ވެއްދުމަށްވެސް އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް އާރް2އާރް ބޭނުން ކުރުމަށްވެސް ގޮވާލައެވެ.

ވެސްޓްފާލިއާ މޮޑެލްއަށް ގޮންޖެހުންތައް ދިމާވެފައިވާ ކަމަށް އިލްމުވެރިން ގަބޫލު ކުރެއެވެ. ނަމަވެސް މިހާތަނަށް އަދި އެކަމާ މެދު ބަހުސްކޮށް އައު އުސޫލުތައް އެކަށައެޅުމަށް ވާހަކަ ދެކެވިފައެއް ނުވެއެވެ.

Maduro Case Pits Westphalian Sovereignty Against Newer Claims of International Responsibility

ހިއްސާ ކުރައްވާ!