އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ޓެރަރިސްޓް ހަނގުރާމައަކީ ހަމައެކަނި ސިޔާސީ ގޮތުން ހެދޭ ގޯހެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާއެއް ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ގާޑިއަން އިން ބުނެފިއެވެ. އެ ނޫހުން ވަނީ މި މައްސަލައިގައި ވިލާތުގެ ގައުމުތަކުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތަށް ފާޑުކިޔާފައެވެ.
ގާޑިއަން ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނެއް ކަމަށް ބުނެ ވިލާތުގެ ގައުމުތަކުން ވަރަށް އަވަހަށް އެކަން ކުށްވެރިކުރިއެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން އީރާނަށާއި ގައްޒާއަށް ދެމުންދާ ހަމަލާތަކާ މެދު އެ ގައުމުތަކުން ހަނު ހިމޭނުން ތިބި ކަމަށާއި އަދި އެމެރިކާއާއި ޒަޔަނިސްޓުންގެ ޖަރީމާތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ތިބި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މިފަދަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށް ގާޑިއަން އިން ވަނީ އިންޒާރު ދީފައެވެ. އަދި ދުނިޔޭގެ މިންގަނޑުތަކާއި އަގުތައް ދިފާއުކުރުމުގައި ބައެއް ގައުމުތަކުން އިޚްތިޔާރުކުރާ "ވަކި ފަރާތަކަށް ޖެހިފައިވާ ސިޔާސަތު" މިކަމުން ހާމަވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ.
ނޫހުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމު ބަލިކަށިވެ، ކުރިމަގުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ގާނޫނުތަކަކީ ހުރިހާ ގައުމަކަށް ހަމަހަމަކަމާއެކު ތަންފީޒުވާންޖެހޭ އެއްޗެއްކަން އެ ނޫހުން ވަނީ ހަނދާންކޮށްދީފައެވެ.
އީރާނާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާގައި އީރާންގެ ޒައީމު އަލީ ޚާމަނާއި ޝަހީދުކޮށްލުމުން އޯއައިސީގެ މެމްބަރު ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި މުސްލިމުންނާއި އަރަބިން ބޮޑު ވާހަކަ ދައްކަން ސައްލާކުރަން އެއްވާ އޯއައިސީން އީރާނުގެ ހަސްފަތާލުތަކާއި ސްކޫލުތަކަށް ޓެރަރިސޓް ހަމަލަ ދެމުންދާއިރު އެކަންވެސް ކުށްވެރިކޮށްފައެއް ނުވެއެވެ. މުސްލިމުންގެ ނިފާގުކަންވެސް ވަނީ މިކަމުގައި ފެނިގެން ގޮސްފައެވެ. މިގައުމުތަކަކީ ފަލަސްޠީނުގެ ޖެނޮސައިޑް، ފެކްސް ބަޔާންތަކާއި އެކްސްގެ ޕޯސްޓްތަކުން ކުށްވެރިކޮށް ފުއްދާލައިގެން އެމެރިކާއަށް ބައިއަތު ހިފައިގން ތިބި ގައުމުތަކެވެ.




