އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރަނީ

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި ސާސްއީ ކޮންސްޓްރަކްޝަނާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި މެރީނާ ޤާއިމުވުމުން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޚިދުމަތްތައް ވެސް އެ ސަރަޙައްދުން ލިބިގެންދާނެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ޔޮޓްތަކަށް ބޭނުންވާ ލުއިފަސޭހަތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އުލިގަމަކީ ރާއްޖެއަށް ވަންނަ ޔޮޓްތަކުގެ މެދުގައި މިހާރުވެސް އެންމެ މަޤްބޫލު އެއް މަންޒިލެވެ. އެމްޕީއެލް އިން ބުނީ މި މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢަކީ އުލިގަމުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ރާއްޖޭގެ އުތުރުގައި މެރިން ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ހިއްސާ ކުރައްވާ!