ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށ ނަގާ ފެންނަ ނުފެެންނަ ވޯޓުގެ ކެމްޕޭނަށް އަމާޒުކޮށްގެން، ސަރުކާރު ހިންގާ ޕީއެންސީން މުޅި ރާއްޖޭގައި އެއް ދުވަހެއްގައި ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހިނގުމުގެ ބޮޑު ހަރަކާތް މިއަދު ފަށައިފިއެވެ. މި ހަރަކާތަކީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން މުޅި ރާއްޖޭގައި ހިންގާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލް މުއާޒު ހަލީމް ވިދާޅުވީ، މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:00 އިން 17:30 އަށް އަދި މިރޭ 21:30 އިން 22:30 އަށް ކަމަށެވެ.
މި ކެމްޕޭން ހަރަކާތްތައް ރާވައި އިންތިޒާމުކުރަނީ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށްދަނީ އެލްސީއީ ޓެކްނިކަލް ކޮމިޓީގެ އިރުޝާދާއި ލަފާގެ މަތިން، ކޮންގްރެސް ޕާޓީގެ ހުރިހާ ދާއިރާ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތައް ގުޅިގެން ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
ޕީއެންސީން ވަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމަށްޓަކައި މުޅި ރާއްޖޭގައި ކެމްޕޭންގެ ހަރަކާތްތައް މެކުހަށް ޖަހާފައެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތަކާއި ކޮމިޓީތަކުން އަންނަނީ ދޮރުން ދޮރަށް ހިނގައި، ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކުރަމުންނެވެ.


