އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މުޝީރު ޑރ. އަލީ ލަރިޖާނީ ވަނީ މިއަދު މީސްމީޑިއާގައި މުސްލިމުންނަށް ހުޅުވާލާފައިވާ ސިޓީއެއް ހާމަކުރައްވާފައެވެ.
މާތްﷲގެ އަޅަކު ފޮނުވާ ސިޓީއެއްގެ ގޮތުގައި އޭނާ އެ ސިޓީ ސިފަކުރައްވާފައިވާއިރު، އޭގައި މުސްލިމުންގެ ބައެއް ވެރިންގެ ނިފާގުކަން ވަނީ ހާމަކުރައްވާފައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުވެސް ވިދާޅުވި ފަދައިން، އަރަބިން ﷲ އަށް ވުރެ ބޮޑަށް އެމެރިކާ ދެކެ ބިރުގަނެއެވެ!
އެ ސިޓީގެ ތަރުޖަމާ ތިރީގައި މިވަނީއެވެ.

بسم الله الرحمن الرحيم
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަށާއި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށް:
1. މަޝްވަރާތައް ކުރިއަށްދިޔަ ވަގުތު، އީރާނު ބައިނައިކޮށްލައި ރޫޅާލުމުގެ މަގްސަދުގައި އެމެރިކާ އާއި ސަހްޔޫނީން ވަނީ އީރާނަށް ޣަދަރުވެރި އުދުވާނީ ހަމަލާތަކެއް ދީފައެވެ. މި އުދުވާނުގެ ސަބަބުން އިސްލާމީ އިންގިލާބަށްގެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކޮމާންޑަރަކާއި، ގިނަ އަދަދެއްގެ އާންމުންނާއި އަސްކަރީ ވެރިން ވަނީ ޝަހީދު ކޮށްލާފައެވެ. ނަމަވެސް، އީރާނުގެ ރައްޔިތުންގެ ފަރާތުން ދިމން ރައްދުން އަދުއްވުންނަށް ކުރިމަތިލާން ޖެހުނީ ވަރުގަދަ ގައުމީ އަދި އިސްލާމީ ދެކޮޅުވެރިކަމަކާއެވެ.
2. މަދު ފަރާތްތަކަކުން ސިޔާސީ ގޮތުން ނެރުނު ބަޔާންތަކެއް ފިޔަވައި، އެއްވެސް އިސްލާމީ ގައުމަކުން އީރާނުގެ ރައްޔިތުންނަށް ވާގިވެރިވެފައި ނުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް، އީރާނުގެ ރައްޔިތުން އެމީހުންގެ ވަރުގަދަ އަޒުމާއެކު ދުޝްމަނުން ފަހަތަށް ޖައްސާފައިވެއެވެ. މިއަދު އެ ދުޝްމަނުން ވަނީ މި އިސްތިރާޖީ ދަތިކަމުން ސަލާމަތްވާނެ މަގެއް ނުފެނި ނުކުޅެދިފައެވެ.
3. "ބޮޑު ޝައިތާން" (އެމެރިކާ) އަދި "ކުޑަ ޝައިތާން" (އިސްރާއީލް) އާ ދެކޮޅަށް އީރާނުން ދަނީ ރައްދުދީ ދެކޮޅުވެރިކަމުގެ މަގުގައި ކުރިއަށެވެ. ނަމަވެސް ބައެއް އިސްލާމީ ސަރުކާރުތަކުގެ އަމަލުތައް ކީރިތި ރަސޫލާ ﷺ ގެ މި ހަދީޘްފުޅާ ފުށުނާރާ ތޯއެވެ؟
«مَن سَمِعَ رَجُلاً يُنَادِي يَا لَلْمُسْلِمِينَ فَلَمْ يُجِبْهُ فَلَيْسَ بِمُسْلِمٍ»
"މުސްލިމުންނޭ ގޮވައި އެހީއަށް އެދި ގޮވާ މީހެއްގެ އަޑު އިވި، އެމީހަކަށް އިޖާބަ ނުދިން މީހަކީ މުސްލިމެއް ނޫނެވެ." އެހެންވީއިރު، މިއީ ކޮން ކަހަލަ މުސްލިމުންނެއް ހެއްޔެވެ؟4. ބައެއް މުސްލިމު ގައުމުތަކުން މިއަށްވުރެ މާ ހުތުރު ކޮށް ކަންކޮށް އީރާނަކީ އެމީހުންގެ ދުޝްމަނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާ އަދި އިސްރާއީލުގެ މަސްލަހަތުތަކަށް އީރާނުން ހަމަލާދޭތީއެވެ. ތިޔަބޭފުޅުންގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދެމުންދާއިރު، އީރާނުން އަތް އުރާލައިގެން ތިބުމަށް އެދެނީ ހެއްޔެވެ؟ މިއީ ވަރަށް ބަލިކަށި އުޒުރެކެވެ. މިއަދުގެ ކުރިމަތިލުމަކީ އެއްކޮޅުން އެމެރިކާ އާއި އިސްރާއީލް، އަދި އަނެއްކޮޅުން މުސްލިމް އީރާނާއި ދެކޮޅުވެރިކަމުގެ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުމެކެވެ. ތިޔަބޭފުޅުން ތިއްބެވީ މިއިން ކޮން ކޮޅެއްގައި ތޯއެވެ؟
5. އިސްލާމީ ދުނިޔޭގެ މުސްތަގުބަލާ މެދު ވިސްނާވަޑައިގަންނަވާށެވެ! އެމެރިކާއަކީ ވަފާތެރި ބައެއް ނޫންކަމާއި، އިސްރާއީލަކީ ތިޔަބޭފުޅުންގެ ދުޝްމަންކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ކުޑަ ވަގުތުކޮޅަކަށް ހިމޭން ވެލައްވައި، އަމިއްލަ ނަފްސާއި މި ސަރަހައްދުގެ މުސްތަގުބަލާ މެދު ފުންކޮށް ވިސްނާވަޑައިގަންނަވާށެވެ. އީރާނަކީ ތިޔަބޭފުޅުންނަށް ހެޔޮއެދޭ ނަސޭހަތްތެރިއެކެވެ. އީރާނުން ތިޔަބޭފުޅުންގެ މައްޗަށް ގަދަވެގަންނާކަށެއް ބޭނުމެއް ނުވެއެވެ.
6. އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން އޭގެ ފުރިހަމަ ބާރާއެކު ގާއިމުވެއްޖެނަމަ، ހުރިހާ ގައުމުތަކަކަށް އަމާންކަމާއި، ކުރިއެރުމާއި، މިނިވަންކަން ކަށަވަރުކޮށްދެވޭނެއެވެ.
ވަައްސަލާމް އަލައިކުމް
ﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް
އަލީ ލަރިޖާނީ
އަލީ ލަރިޖާނީގެ ތައާރަފެއް:
ޢަލީ ލާރިޖާނީއަކީ އީރާނުގެ ނުފޫޒުގަދަ ސިޔާސީ ޝަޚުޞިއްޔަތެކެވެ. އަދި އޭނާއަކީ އައި.އާރު.ޖީ.ސީގެ ކުރީގެ އޮފިސަރެކެވެ.
1958 ވަނަ އަހަރު އުފަންވި ލާރިޖާނީ ވަނީ ތެހެރާން ޔުނިވަރސިޓީން ހުޅަނގުގެ ފަލްސަފާގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައެވެ.
އޭނާ ވަނީ 12 އަހަރު ވަންދެން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ.
މީގެ އިތުރުން އީރާނުގެ ގައުމީ ބްރޯޑްކާސްޓިންގ އިދާރާގެ އިސްވެރިޔާގެ މަގާމާއި، ނިއުކްލިއަރ މަޝްވަރާތަކުގެ ނާޒުކު ދަނޑިވަޅުގައި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އޭނާއަކީ ދީނީ ތައުލީމު ހާސިލު ކުރައްވާފައިވާ ދަންނަބޭކަލެއްވެސް މެއެވެ.
އޭނާއަކީ ސިޔާސީ އަދި ދީނީ އިލްމުވެރިންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް އޮންނަ، އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް އިސްތިރާތީޖީ ޝަޚުޞިއްޔަތެވެ.




