އީރާނުގެ ސިއްޖީލް މިސައިލްއަކީ އެ ބާވަތުގެ ދެވަނަ ވައްތަރުގެ މިސައިލެވެ. މިއީ އާޝޫރާ، ނުވަތަ "ޑާންސިންގ މިސައިލް" ގެ ނަމުން މަޝްހޫރުވެފައިވާ މިސައިލެކެވެ. މިއީ މިހާތަނަށް އެނގި ހުރި މައުލޫމާތުން އީރާންގެ ހަތިޔާރު ގުދަނުގައި ހުރި އެންމެ ކުރިއަރާފައިވާ ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން އެކެކެވެ. މިއީ ތެހެރާނުގެ ދުރު ރާސްތާގެ ހަމަލާދިނުމުގެ ގާބިލުކަމަށް އައި ބޮޑު ކުރިއެރުމެކެވެ. އިޒްރޭލާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ފުރަތަމަ ފަހަރަށް މި މިސައިލް ބޭނުންކުރުމާ ގުޅިގެން، މުޅި ދުނިޔޭގެ ސަމާލުކަން މިއަށް ވަނީ ހުއްޓިފައެވެ. މިއީ ސަރަހައްދީ މަސްރަހުގައި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެގެންދިޔަ ކަމެކެވެ.
މި މިސައިލްގެ ރާސްތާ ހުރި ގޮތުން މިއީ ރާއްޖެއަށް ނޫނީ ފޯޅަވައްސަށް ފޯރާނެ ވަރުގެ މިސައިލެއް ނޫނެވެ. މި ހިސާބަށް ފޯރަން 4 ހާސް ކިލޯއަށް ދަތުރުކުރާ މިސައިލް ބޭނުން ވެއެވެ. އީރާނޔުގެ ހަރިޔާރު ގުދަނުގައި އެވަރުގެ ބާރު ހުރިކަމަށވްސް ސްޓްރެޓެޖިކް ދިރާސާ ކުރާ އިދާރާތަކުން ގަބޫލު ކުރެއެވެ.
އަމިއްލައަށް އީރާނުގައި އުފައްދާފައިވާ ސިއްޖީލަކީ ދެ މަރުހަލާއަކަށް މަސައްކަތްކުރާ، ހަރު ފިއުލް ބޭނުންކުރާ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެކެވެ. މީގެ ރާސްތާއަކީ ގާތްގަނޑަކަށް 2,000 ކިލޯމީޓަރު ކަމަށް ބެލެވޭއިރު، މީގެ ސަބަބުން އިޒްރޭލާއި، ގަލްފް ސަރަހައްދާއި، އަދި ޔޫރަޕްގެ ބައެއް ހިސާބުތައް ފގަސޭހަކަމާއެކު މިސައިލް ފޯރާނެ އެވެ. މީގައި ބޭނުންކުރާ ހަރު ފިއުލްގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ބޮޑު ފައިދާއެއް ލިބިގެންދެއެވެ. އެއީ، ތައްޔާރުވުމަށް މަދު ވަގުތުކޮޅެއް ހޭދަކޮށް، ވަރަށް އަވަހަށް މިސައިލް ފޮނުވާލެވޭތީއެވެ. މީގެ ސަބަބުން، ޝަހާބް ސީރީޒް ފަދަ ދިޔާ ފިއުލް ބޭނުންކުރާ މިސައިލްތަޖކާ އަޅާބަލާއިރު، ދުޝްމަނުންނަށް މިއީ ދެނެގަތުމަށާއި ހަމަލާ ހުއްޓުވުމަށް އުނދަގޫ ހަތިޔާރެކެވެ.

ސިއްޖީލް މިސައިލަށް ގާތްގަނޑަކަށް 700 ކިލޯގްރާމްގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މީގައި އާދައިގެ ގޮވާތަކެތި ނުވަތަ ނިއުކްލިއަރ ވޯހެޑްވެސް ހަރުކުރެވިދާނެއެވެ.
ދިގުމިނުގައި 18 މީޓަރު އަދި ބަރުދަނުގައި 23,600 ކިލޯގްރާމް ހުންނަ މި މިސައިލަކީ ޖައްވުގެ މަތީ ފަށަލައިގައި ދަތުރުކުރާއިރު މިސްރާބު ބަދަލުކުރުމުގެ ގާބިލުކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.
އިޒްރޭލުގެ "އަޔަން ޑޯމް" ފަދަ މިސައިލް ދިފާއީ ނިޒާމުތަކަށް އޮޅުވާލައި، އެއިން ރެކުމަށްޓަކައި މިސައިލަށް ލިބިފައިވާ މި ހަލުވިކަމުގެ ސަބަބުން މިއަށް "ނަށާ މިސައިލް" ގެ ނަމުން ނަން ދެވިފައިވެއެވެ. މީގެ ބައެއް ވައްތަރުތަކުގައި ރޭޑާރަށް ނުފެންނަ ފަދަ ކޯޓިންގްއެއް ހުންނަ ކަމަށްވެސް ބެލެވެއެވެ.
)
މި މިސައިލް އުފެއްދުމުގެ މަސައްކަތް 1990 ގެ އަހަރުތަކުގެ ކުރީކޮޅު ފެށުނުއިރު، ފުރަތަމަ ކާމިޔާބު ޓެސްޓެއް ކުރެވުނީ 2008 ގައެވެ. އޭގެ ފަހުން ކުރެވުނު ޓެސްޓުތަކުން މިސައިލްގެ އަމާޒު ހިފުމުގެ ގާބިލުކަމާއި ރާސްތާ އިތުރުވެފައިވާކަން ހާމަވިއެވެ.
އޭގެ ތެރޭގައި އިންޑިއާ ކަނޑަށް 1,900 ކިލޯމީޓަރު ދުރަށް ފޮނުވާލި މިސައިލް ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުން ދަނީ "ސިއްޖީލް-3″ ގެ ނަމުގައި ފޯޅަވައްސަށް ފޯރާވަރުގެ 4,000 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރާ އާ ވައްތަރެއް އުފައްދަމުންނެވެ. މި ވައްތަރު މިހާރު ގުދަނުގައި ހުރެދާނެ ކަމަށް ލަފާ ކުރެވެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގައި މި މިސައިލް ބޭނުންކުރުމަކީ އީރާނުގެ އެންމެ ވަރުގަދަ ސްޓްރެޓީޖިކް ހަތިޔާރުތަކަށް ބަރޯސާވާން އެ ގައުމު ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެކެވެ. ދިފާއީ މާހިރުން ދެކޭގޮތުގައި ސިއްޖީލަކީ އީރާނުގެ ދުރު ރާސްތާގެ ދިފާއީ ސިޔާސަތުގެ މައި ތަނބެވެ. އެއީ ފޮނުވާލަން އަވަސްވުމާއި، ހުއްޓުވަން އުނދަގޫވުމާއި، އަދި ދުޝްމަނުންގެ ސަރަހައްދުގެ ފުނަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވުމުގެ ސަބަބުންނެވެ.




