އީރާނުން ސުޓާލިންކްގެ ސަތޭކައަށްވުރެ ގިނަ ވަގު ޑިވައިސް އަތުލައިގަނެފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، އެ ގައުމުގައި މަނާކޮށްފައިވާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ސަތޭކައަށްވުރެ ގިނަ ވަގު ޑިވައިސް، ޚާއްސަ އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފައެވެ. މި އޮޕަރޭޝަނަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސެޓެލައިޓް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ލޮކޭޝަން ދެނެގަތުމަށް ފަހު ހިންގި އޮޕަރޭޝަނެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޑިވައިސްތަކަކީ "ދުޝްމަނުންގެ މަސްލަހަތަށް" ބޭނުންކުރަމުންދާ ތަކެތި ކަމަށެވެ. އަދި ގައުމަށް ބައިނަލްއަގުވާމީ އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވާ މި ދަނޑިވަޅުގައި، މިފަދަ ޣައިރު ގާނޫނީ ވަސީލަތްތައް ބޭނުންކުރާ ފަރާތްތައް ހޯދައި، އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އީރާނުގެ ގާނޫނުތައް ބުނާގޮތުން ސްޓާލިންކް ބޭނުންކުރުމަކީ ކުށެކެވެ. ޚާއްސަކޮށް ހަނގުރާމައިގެ ހާލަތެއްގައި މިފަދަ އާލާތްތައް ބޭނުންކޮށްގެން ދުޝްމަނުންނަށް އެހީތެރިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދެވޭނެ ކަމަށް އިންޓެލިޖެންސް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ޓެކްނޮލޮޖީ މާހިރެއް ކަމަށްވާ މުހައްމަދު ޖަވާދު މުތަބައްހަރު ވިދާޅުވީ، އީރާނުގެ ސަލާމަތީ ބާރުތަކަށް ސުޓާލިންކްގެ ސިގްނަލްތައް ދެނެގަނެވޭނެ ފަދަ ވަސީލަތްތައް ލިބިފައިވާ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ޖޫން މަހު އީރާނުގެ ޕާލަމެންޓުން ފާސްކުރި ގާނޫނެއްގެ ދަށުން، ސުޓާލިންކް ބޭނުންކުރުމަކީ ޖިނާއީ ބޮޑު ކުށެކެވެ.

މި ގާނޫނުގެ ދަށުން، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ނުވަތަ ޖާސޫސްކުރުމުގެ މަގްސަދުގައި މި ހިދުމަތް ބޭނުންކޮށްފި ނަމަ، ޖަލަށްލުމުގެ އަދަބުން ފެށިގެން މަރުގެ އަދަބާ ހަމައަށް އަދަބު ދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން މި ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ އެ ގައުމަށް ބައިނަލްއަގުވާމީ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!