ފެނެޒުއޭލާގައި އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނަކާއި، ގްރީންލޭންޑާއި އީރާނާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވައިޓް ހައުސްއަށް އިންޒާރު ދީފި ކަމަށް "ދަ އެޓްލާންޓިކް" މަޖައްލާއިން ރިޕޯޓްކޮށްފިއެވެ.
ކޮންގްރެސްގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ރައްޔިތުން އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމުގެ އެތެރޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ތަކެތީގެ އަގުތައް އަތްފޯރާ ފަށެއްގައި ބެހެއްޓުމަށެވެ. އަދި ބޭރު ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގަތުމަކީ އާންމު ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށާއި، ފެނެޒުއޭލާ ނުވަތަ އީރާނު ފަދަ ދުރު ގައުމުތަކުގައި ހިނގާ ކަންކަމަށް ގިނަ ބަޔަކު ސަމާލުކަން ނުދޭ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
އީރާނުގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ އެ ގައުމުގެ ރައްޔިތުން ތިބީ މިނިވަންކަމަށް ފެންބޮވައިގެންފައި ކަމަށާއި، އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހަކު މަރުވެއްޖެ ނަމަ އީރާނަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފައެވެ. މީގެ އިތުރުން ކިއުބާގެ ހާލަތު އޮތީ ވަރަށް ދަތިކޮށް ކަމަށާއި އެ ގައުމުގެ މުސްތަގުބަލު އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ގްރީންލޭންޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ޖަޒީރާއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ވާންޖެހޭ ތަނެއް ކަމަށާއި، އެއީ ގައުމީ ސަލާމަތަށް މުހިންމު ސަރަހައްދެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދު ހޯދުމަށް އަސްކަރީ ބާރު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަމެއް ދެއްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ނޭޓޯގެ އިއްތިހާދު ދެމެހެއްޓުމަށްވުރެ ގްރީންލޭންޑް ހޯދުމަށް އިސްކަންދޭ މިންވަރާ މެދު ސުވާލު ކުރުމުން އޭނާ ވަނީ ޖަވާބު ދެއްވަން ފަސްޖެހިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ޑެންމާކާއި ގްރީންލޭންޑުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ރައްދު ދީފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ ގްރީންލޭންޑް ހިފުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އެ ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ. ހަމައެއާއެކު، އެމެރިކާގެ މި ނިންމުންތަކާ ގުޅިގެން އަމަލީ ފިޔަވަޅުތަކެއް އަޅަން ފަށައިފި ނަމަ، ރައްދު ދޭނެ ގޮތްތަކާ މެދު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.







