ދައުލަތުގެ އިދާރާތަކުގެ މުސާރަ އެއްހަމަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މުސާރައިގެ ކުރިއެރުން ދީފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ދެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ. މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ބަދަލާއެކު އެ ދެ އިދާރާގެ މުވައްޒަފުންނަށް މިހާރު މުސާރަ ދެމުންދާ އޮނިގަނޑު ބަދަލުވެ، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ގޮތަށް، މިހާތަނަށް މުސާރައިގެ ކުރިއެރުން ލިބިފައި ނުވާ އިދާރާތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ތެރޭގައި މުސާރަ އެއްހަމަވެގެންދާނެ ކަމަށެވެ. މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަވެސް ވަނީ އެއްހަމަކޮށްފައެވެ.
މި ބަދަލުގެ މައިގަނޑު އެއް މަޤްޞަދަކީ މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ހޯދައިދިނުމާއެކު، މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓޭނެ ގޮތްތައް މަގުފަހިކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުން ކަމަށް މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.
ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތްތައް އެއްހަމަ މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި އޮނިގަނޑުގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަޤާފަތެއް އާލާކުރުމަށެވެ.
މީގެ ކުރިން އޮތް ގިނަ ވަގުތު އިތުރުގަޑީގައި މަސައްކަތްކޮށްގެން އުޖޫރަ ބޮޑުކުރާ ނިޒާމު ބަދަލުކޮށް، މުވައްޒަފުންނަށް އެކަށީގެންވާ ޖުމްލަ އުޖޫރައެއް ކަނޑައެޅުމަކީ މި ގެނެވުނު ބަދަލުގެ އެންމެ މުހިންމު އެއް ބައެވެ.




