ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރު: ރައީސް މިއަދު މައްޗަންގޮޅީ އުުތުރު ދާއިރާގައި

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ "ދޮރުން ދޮރަށް" ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާއަށް ވަޑައިގެންފިއެވެ.

މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ގިނަ އަދަދެއްގެ ގޭބީސީތަކަށް ޒިޔާރަތް ކުރައްވާފައެވެ. މީގެ ތެރޭގައި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެޕާޓްމަންޓްތައް ވެސް ހިމެނެއެވެ. މި ޒިޔާރަތްތަކުގައި ރައީސް ވަނީ ރައްޔިތުންގެ ހާލު ބައްލަވައި، މަގުމަތިން ބައްދަލުވި ގިނަ ބަޔަކާ ސަލާމް ކުރައްވައި، ބައެއް ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ހަރަކާތުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތް އެންމެ ފުރަތަމަ ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ދާއިރާތަކެއް ހިމެނޭހެން މާލެ ސަރަޙައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތްތަކުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ފެންނަ ނުފެންނަ ވޯޓު ހިމެނޭހެން މި ތިން ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!