"އެމީހުން އަހަންނަށް ދިން ދަބަހުގައި ފައިސާ ހުރި. އަދި ބުނި މި ދަބަސް އެކްސް-ރޭ މެޝިނުން ފާސްކުރާއިރު ނުފެންނާނެ ކަމަށް. އިމާމް ޚުމައިނީ އެއާޕޯޓުން ވަން އިރު އެއްވެސް އުނދަގުލަކާ ނުލައި އެ ދަބަސް އެކްސް-ރޭ އިން ފާސްވި،" ޖާސޫސް ކޫރޯޝް ކޭވާނީ (ފޮޓޯގައި)
އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ކޫރޯޝް ކޭވާނީ ނަމަކަށް ކިޔާ މީހެއްގެ މަރުގެ އަދަބު އީރާނުން ތަންފީޒުކޮށްފިއެވެ. އީރާނުގެ ޖުޑިޝަރީގެ މީޒާން ނިއުސް އެޖެންސީން ބުނި ގޮތުގައި، އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، އެ ގައުމުގެ ސުޕްރީމް ކޯޓުން އެ ހުކުމް ކަށަވަރުކުރުމަށްފަހުގައެވެ.
ކޭވާނީ ހައްޔަރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ހަތަރުވަނަ ދުވަހު ސާވޯޖްބޯލާގް ސަރަހައްދުންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސުން އޭނާ ހައްޔަރުކުރި އިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި، އުޅަނދުތަކުގެ އިތުރުން މުވާސަލާތީ އަދި ފާރަވެރިވުމަށް ބޭނުންކުރާ ކުރިއަރާފައިވާ ވަސީލަތްތައް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ކޭވާނީ ވަނީ އީރާނުގެ ނާޒުކު ސަރަހައްދުތަކުގެ ފޮޓޯއާއި މައުލޫމާތު މޮސާޑުގެ އޮފިސަރުންނަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ މޮސާޑާ ގުޅިގެން ކުރި މަސައްކަތްތަކަށް އިއުތިރާފުވެފައިވާ ކަމަށް ބުނެ އީރާން ނިއުސް އެޖެންސީން ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
އާންމުކޮށްފައިވާ ވީޑިއޯގައި ކޭވާނީ ބުނެފައިވަނީ، ވިއެންނާގައި މޮސާޑުގެ އެޖެންޓުންނާ ބައްދަލުކުރި ކަމަށާއި، އެމީހުން އޭނާއަށް 100,000 އެމެރިކާ ޑޮލަރު އަޅާފައިވާ ހާއްސަ ދަބަހެއް ދިން ކަމަށެވެ. "އެމީހުން އަހަންނަށް ދިން ދަބަހުގައި ފައިސާ ހުރި. އަދި ބުނި މި ދަބަސް އެކްސް-ރޭ މެޝިނުން ފާސްކުރާއިރު ނުފެންނާނެ ކަމަށް. އިމާމް ޚުމައިނީ އެއާޕޯޓުން ވަން އިރު އެއްވެސް އުނދަގުލަކާ ނުލައި އެ ދަބަސް އެކްސް-ރޭ އިން ފާސްވި،" އޭނާ ވީޑިއޯގައި ކިޔައިދީފައިވެއެވެ. އީރާނުން ބުނާ ގޮތުގައި މިއީ ސަލާމަތީ ބާރުތަކަށް ނޭނގި ފައިސާ އެތެރެކުރުމަށް މޮސާޑުން ރާވައިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
މި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ އެމެރިކާއާއި ޒަޔަނސިްޓުން އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގެ ތެރޭންނެވެ. ފާއިތުވި މަސްތަކުގައި އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން ވަނީ އެތައް ބައެއްގެ މަރުގެ އަދަބު ތަންފީޒުކޮށްފައެވެ. މި އެންމެންވެސް ދަން ޖައްސއިަފައި ވަނީ އެމީހުންގެ އިއުތިރާފް ބަޔާނަށް ބަލައިގެން ހުކުމް ކުރުމަށް ފަހުއެވެ. އަދި އެމީހުންގެ އިއުތިރާފް ބަޔާންތައް މީޒާނުން ވަނީ ގެނަސްދީފައެވެ.

