އެމެރިކާއަކީ ޓެރަރިސްޓް ގައުމެއް: އީރާނުގެ ފޮރިން މިނިސްޓަރު

"އަހަރެންނަކަށް ނޭނގެ އެމެރިކާއާއި އިޒްރޭލަށް މިކަން އަދިވެސް ފަހުމް ނުވަނީ ކީއްވެގެން ކަމެއް. އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ވަރުގަދަ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމެއް،" އައްބާސް އަރަގްޗީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ސިޔާސީ އޮނިގަނޑަކީ ވަރަށް ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށާއި، އެއްވެސް ފަރުދަކު ނެތުމުން ގައުމުގެ ލީޑަޝިޕަށް ނުރައްކަލެއް ނެތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ ސަރުކާރަކީ ވަކި ފަރުދަކަށް ބަރޯސާވާ ސަރުކާރެއް ނޫންކަން އެމެރިކާއާއި އިޒްރޭލަށް އަދިވެސް ނޭނގޭ ކަމަށެވެ. "އަހަރެންނަކަށް ނޭނގެ އެމެރިކާއާއި އިޒްރޭލަށް މިކަން އަދިވެސް ފަހުމް ނުވަނީ ކީއްވެގެން ކަމެއް. އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ވަރުގަދަ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމެއް،" އަރަގްޗީ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، ގައުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަން އަރަގްޗީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އީރާނު މީހުންނަށް އެމީހުންގެ އިމާމް ފަދަ ލީޑަރަށްވުރެ މުހިންމު މީހަކު ނުހުންނާނެ ކަމަށާއި، އިމާމް ޝަހީދުވުމުންވެސް ވަގުތުން ބަދަލުގައި އެހެން އިމާމަކު އައްޔަންކޮށް ނިޒާމު ހިނގަމުންދިޔަ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު ޝަހީދުވިޔަސް އެ މަގާމަށް އެހެން މީހަކު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 67 އަހަރުގެ އަލީ ލަރީޖާނީ ޝަހީދުކޮށްފައި ވަނީ ޔަހޫދީން ދިން ޓެރަރިސްޓް ހަމަލާގައެވެ. މީގެ އިތުރުން، ބަސީޖް ފޯސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ގޮލާމްރޭޒާ ސުލައިމާނީ ވެސް ޔަހޫދީ ޓެރަރިސްޓް ހަމަލާއެއްގައި ޝަހީދުވެފައިވެ އެވެ.

ސަރަހއްދުގައި ހިނގަމުންދާ ޓެރަރިސްޓް އަމަލު ތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ މިއީ އީރާނުން ފެށި ހަނގުރާމައެއް ނޫން ކަމަށެވެ. "މި ހަނގުރާމައަކީ އަހަރެމެންގެ ހަނގުރާމައެއް ނޫން. މިއީ އެމެރިކާއިން ފެށި ކަމެއް. މި ހަނގުރާމައިގެ ސަބަބުން އީރާނަށާއި، ސަރަހައްދަށާއި މުޅި ދުނިޔެއަށް ލިބޭ އިންސާނީ އަދި މާލީ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން،" އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ އެމެރިކާއަކީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށާއި، މި ހުރިހާ ކަމަކަށް އެމެރިކާ ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!