ކޮންގޯ ރައީސް 5 ވަނަ ދައުރަކަށް އިންތިޚާބު ކޮށްފި

ކޮންގޯގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ވޯޓުލީ މީހުން ކުޑަ ކާފާއި ބޮޑު ކާފު ޖަހައިގެން 94.82 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެން އެ ގައުމުގެ މިހާރުގެ ރައީސް ޑެނިސް ސާސޯ ންގޭސޯ އަނެއްކާވެސް ރައީސް ގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިޢުލާންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ އެ ގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށެވެ.

ކޮންގޯގެ އިންޓީރިއާ މިނިސްޓަރު ރޭމަންޑް ޖެފްރެން ބުލޫ ވިދާޅުވި ގޮތުގައި، ސާސޯ ންގޭސޯ ވަނީ 2,507,038 ވޯޓު ހޯއްދަވާފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 84.65 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. ނަމަވެސް، އިންތިޚާބު އޮތް ދުވަހު ބްރަޒަވިލްގައި ހަރަކާތްތެރިވި އޭއެފްޕީގެ ނޫސްވެރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޯޓުލާ މަރުކަޒުތަކުން ފެނިގެންދިޔައީ ވަރަށް މަދު ބަޔެކެވެ.

ޢުމުރުފުޅުން 82 އަހަރުގެ ސާސޯ ންގޭސޯ ވަނީ ފާއިތުވި 40 އަހަރަށްވުރެ ގިނަ ދުވަހު އެ ގައުމުގެ ވެރިކަން ކުރައްވާފައެވެ. މި އިންތިޚާބުގެ ކާމިޔާބީއާއެކު 2031 ވަނަ އަހަރާ ހަމައަށް އޭނާ ވެރިކަމުގައި ދެމިހުންނަވާނެއެވެ. މި އިންތިޚާބުގައި ސާސޯ ންގޭސޯއާ ވާދަކުރެއްވީ ސިޔާސީ ގޮތުން މާބޮޑު ތަޖުރިބާއެއް ނެތް ހަ ކެންޑިޑޭޓުންނެވެ. އިދިކޮޅު މައި ޕާޓީތަކުން ވަނީ މި އިންތިޚާބު ބޮއިކޮޓްކޮށްފައެވެ.

އިންތިޚާބާ ގުޅިގެން އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން އެ ގައުމުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވާއިރު، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ. ވެރިރަށް ބްރަޒަވިލްގެ މަގުތައް އޮތީ ފަޅަށެވެ. އަދި ސިފައިންނާއި ފުލުހުން ދިޔައީ މަގުތަކާއި ވޯޓުލާ މަރުކަޒުތައް ބަލަހައްޓަމުންނެވެ. މިއީ 2021 ވަނަ އަހަރުގެ އިންތިޚާބުގައިވެސް ކަން ހިނގާފައިވާ ގޮތެވެ.

ކޮންގޯގެ ގާނޫނުއަސާސީ ބުނާގޮތުން 2031 ވަނަ އަހަރުގެ އިންތިޚާބުގައި ސާސޯ ންގޭސޯއަށް އިތުރަށް ކުރިމައްޗެއް ނުލެއްވޭނެއެވެ. އޭނާގެ ފަހުން ވެރިކަމާ ހަވާލުވާނެ ބޭފުޅަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ "އަބަދަށްޓަކައި ވެރިކަމުގައި ނުހުންނާނެ" ކަމަށާއި "ޒުވާނުންނަށް ފުރުސަތު ލިބޭނެ" ކަމަށެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަން ހާމަކުރައްވަން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

މި އިންތިޚާބުގެ ނަތީޖާ އަދި އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ރަސްމީކޮށް ތަސްދީގު ކުރަން ޖެހޭނެއެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ އިންތިޚާބީ ނިޒާމުގެ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ހިއްސާ ކުރައްވާ!