ތައިލެންޑުގެ ކަރާބީގައި ހުންނަ ހޮޓަލެއްގެ ދެވަނަ ބުރީގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރި ދެމަފިރިއަކު ނިދާފައި ތިއްބާ، އަންހެންމީހާގެ ކަނދުރާމަތިން ހަރުފައެއް ފޭބި ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިދު ދުވަހު ފަތިހު 5:00 އެހާއިރުއެވެ.
މި ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތުން ބުނި ގޮތުގައި، އޭނާގެ ބައިވެރިޔާ ކުއްލިއަކަށް ރޮމުން ކޮޓަރިން ނުކުމެ އެދުމަތީގައި ހަރުފައެއް އޮތް ކަމަށް ބުނެ ހަޅޭއްލަވަން ފެށިއެވެ.
"ފުރަތަމަ އަހަރެން ހީކުރީ އެއީ ފާރު ތެރެއިން ނިކުމެގެން އައި ޖިންނިއެއް ކަމަށް. އެކަމަކު ފަހުން އެނގުނީ އެއީ ކަޅު ކޯބްރާއެއް ކަން. އެ ސޮރު ދިޔައީ އަންހެނުންގެ ބޮލާ ދިމާއިން ފިރުކެމުން،" އޭނާ ކިޔައިދިނެވެ.

މި ހާދިސާއާ ގުޅިގެން ހޮޓަލުން ގުޅައިގެން ހަރުފަ ހިފާ މީހަކު ހޮޓަލަށް އައިސް ބެލިއިރު، ހަރުފަ އޮތީ އެނދު ދަށުގައި ފިލައެވެ. އެއީ ގާތްގަނޑަކަށް 40-45 ސެންޓިމީޓަރުގެ ދިގު ކޯބްރާއެއް ކަމަށާއި، އޭތި އޮތީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް އޭނާ ބުންޏެވެ.

ހޮޓަލުން ލަފާ ކުރާ ގޮތުގައި މި ހަރުފަ ކޮޓަރިއަށް ވަދެފައިވަނީ ސިޑިން އަރައިގެން އައިސް، ދޮރާއި އޮޅިގަނޑާއި ދޮރާ ދޭތެރޭގައި އޮތް 4 ސެންޓިމީޓަރުގެ ހުސް ޖާގައިންނެވެ. އާންމުކޮށް ހަރުފަ ވަންނަނީ އިމާރާތްތަކުގެ ތިރީ ބުރިތަކަށެވެ، ނަމަވެސް، މިފަހަރު ދެވަނަ ބުރިން ހަރުފަ އެރުމަކީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ހޮޓަލުން ފާހަގަކުރެއެވެ.






