އެމްއެންޑީއެފުން ސަލްޓަން ޕާކު ތަރައްޤީކުރުމަށް ކުރާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު ތަރައްޤީކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރު ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެ ތަނުގައި އަލަށް ޤާއިމުކުރާ ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ވަޒަންކުރައްވާފައެވެ.

ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލުން ތަރައްޤީކޮށް ކުރު މުއްދަތެއްގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށްޓަކައި އެ މަސައްކަތް ސަރުކާރުން ވަނީ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިންގ މަރުކަޒެއް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި އަލަށް ތަރައްޤީކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސް އާއި ޝޫޓިންގ ރޭންޖުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ. މީގެއިތުރުން، އެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މީގެއިތުރުން، ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އެމް.އެން.ޑީ.އެފް އިން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447″ ގެ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުންފިލުއްވާފައެވެ. މި ހަރަކާތްތައް މިއަދު ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!