މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އީދު ހަވީރު" މިއަދު ފަށާފައިވާއިރު، މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ މި ހަވީރު މިއަދުން ފެށިގެން ތިން ދުވަހަށް މާލޭގެ ޖުމްހޫރީ މައިދާނާއި، ވިލިމާލެ ބޯޅަދަނޑާއި، ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ކުރިއަށްދާނެއެވެ.
މި އަހަރުގެ އީދު ހަވީރުގައި ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މި ކުންފުނިތަކުން ވަނީ ކުޑަކުދިންނަށް ޚާއްސަ އެކި ކަހަލަ ކުޅިވަރުތަކާއި ސްޓޯލްތައް ތައްޔާރުކޮށްފައެވެ.
މި ހަވީރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފުލުހުންނާއި ސިފައިން އެމީހުންގެ ޔުނިފޯމާއި، އެކިކަހަލަ އޮޕަރޭޝަނަލް ހަތިޔާރާއި، ބޭނުންކުރާ އުޅަނދުތައް އާންމުންނަށް ދައްކާލުމެވެ. މީގެ އިތުރުން ސިފައިންގެ ރެޕަލިން ޓަވަރާއި، ފޯމް ޕޫލާއި، ޔޫއޭވީ ސިމިއުލޭޝަން ހަރަކާތްތަކުގެ އިތުރުން އެމްއެންޑީއެފްގެ ވެހިކަލްތައް ބަލާލައި، ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މިއީ ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރައިގެ މީހުންގެ ވެސް ބޮޑު މަގުބޫލުކަމެއް ލިބުނު ހަރަކާތްތަކެކެވެ.
ކުޑަކުދިން ގަޔާވާނެ ފަދަ އެކިއެކި ކެރެކްޓާތަކާއި، ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ވެސް މި ހަވީރުގައި ވަނީ ހިމަނާފައެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމީހުންގެ އާއިލާތަކާއެކު މި ހަވީރުގައި ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
މި ހަވީރު ކުރިއަށް އޮތް ދެ ދުވަހު ވެސް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް ކުރިއަށްދާނެއެވެ. ކޮންމެ އަހަރަކު ވެސް ކުޑަކުދިންނަށް ޚާއްސަކޮށް ބާއްވާ މި ފަދަ ހަވީރުތަކަށް ބޮޑު ތަރުހީބެއް ލިބޭއިރު، މިއަހަރުގެ އީދު ހަވީރު ވެސް ފެނިގެންދިޔައީ ގިނަ އަދަދެއްގެ އާއިލާތައް ޖަމާވި ފޯރިގަދަ ހަރަކާތެއްގެ ގޮތުގައެވެ.






