ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް އޯގާތެރިވުމަކީ ދީނީ އަދި އިންސާނީ މަސްއޫލިއްޔަތެއް: ރައީސް

"މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން." ރައީސުލްޖުމްހޫރިއްޔާ

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކޮންމެ މީހަކަށް އޯގާތެރިކަމާއި އިޙްސާންތެރިކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ. ރައީސް ވިދާޅުވީ މިއީ ކީރިތި ޤުރުއާނާއި ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުން ފެންނަން ހުރި އިރުޝާދުތަކެއް ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށް އަޅައިލުން ކަމަށެވެ. އަދި ދިވެހި މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ އެކި ޙާލަތްތައް ތަޙައްމަލު ކުރަމުންދާ ކޮންމެ މީހަކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އަދި މުސްލިމަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ މެސެޖަކީ އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމަށެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން. މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެ." ރައީސް

ކުރިއަށް އޮތް ތަނުގައިވެސް އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި އަދި ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!