އެއްވެސް މީހަކީ ބާކީވެފައިވާ މީހަކަށް ނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

"ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކީ ވެސް އަގުވަޒަންކުރެވޭ، ބަލައިގަނެވޭ އަދި މުޖުތަމައުގެ ހިއްސާއެއް އޮތް މީހަކަށް ހެދުމަށް އަޒުމް ކަނޑައަޅަމާ ހިނގާ،" މެޑަމް ސާޖިދާ

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ، އެކަކު އަނެކަކަށް އަޅާލާ، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމަށް އިހުސާސް ނުކުރެވޭނެ ފަދަ މުޖުތަމައެއް ބިނާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ މީހަކީ ވެސް ދިރިއުޅުމުގެ ތަޖުރިބާތައް ތަފާތު މީހެއް ކަމަށާއި، އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި އެއީ މި ދުނިޔެ ރީތިކޮށްދޭ އެއް ސަބަބު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް މުޖުތަމައުގެ ތެރެއިން އެކަހެރިކަމާއި އެކަނިވެރިކަން ކުރިމަތިވާކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެފަދަ ގޮންޖެހުންތަކާ އެކުވެސް އެފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަން އަދި ކެތްތެރިކަމުގެ ނަމޫނާ ދައްކުވައިދޭ ބައެއް ކަމަށެވެ.

"ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކީ ވެސް އަގުވަޒަންކުރެވޭ، ބަލައިގަނެވޭ އަދި މުޖުތަމައުގެ ހިއްސާއެއް އޮތް މީހަކަށް ހެދުމަށް އަޒުމް ކަނޑައަޅަމާ ހިނގާ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަމަނާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް މުއާމަލާތްކުރުމުގައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، އޯގާތެރިވާންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ހިމެނިގެންވުމަކީ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!