އީރާނުން އިސްލާމީ ގައުމުތަކާ އެކު އެއްވެސް އަދާވާތްތެރިކަމަށް ބޭނުންނުވާ ކަމަށް، ނައުރޫޒް އާއި އީދުލްފިތުރުގެ މުނާސަބަތުގައި، ދެއްވި މެސެޖުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއެވެ. އަދި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ޓެރަރިސްޓް ހަމަލާތަކާއި އީީރާންގެ އިމާމް އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލި ޓެރަރިސްޓް ހަމަލައާ ގުޅިގެން ރައީސް ޕަޒެކްޝިއަން ވަނީ އީރާން ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ގަލްފްގެ ސަރަހައްދުގައި ބޭރުގެ ދުޝްްމަން ބާރުތަކުގެ ނުފޫޒު އޮތުމާ ދެކޮޅު ހައްދަވަމުން އީރާން ރައީސް ވަނީ މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގެ މަޖިލީހެއް އުފެއްދުމަށް ގޮވާލައްވައިފައެވެ. އަދި، އަވަށްޓެރިން އަރަބިންނަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގަތީ، ސަރަހައްދުގެ ގައުމުތަކުން "މުސްލިމުންގެ ދުޝްމަނުން ދަންތުރަތަކުގައި ނުޖެހުމަށް" އެވެ.
އީރާނުގެ ރައީސްގެ މެސެޖުގައި ވިދާޅުވީ ތެހެރާނުން ގަލްފް ސަރަހައްދުގައި ހަލަބޮލިކަމެއް ބޭނުންނުވާ ކަމަށާއި، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ އީރާންގެ މަގްސަދެއް ނޫން ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ގުޅިގެން ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ގޮވާލެއްވިއެވެ. އަދި، ސަރަހައްދުގައި ހިނގަމުންދާ "ހަލަބޮލިކަމާއި، ނާމާންކަމާއި، ނަސްލު ނައްތާލުމުގެ އަމަލުތަކާއި، ޓެރަރިޒަމް އަދި ފިތުނަވެރިކަމުގެ" ޒިންމާ އުފުލަންޖެހޭނީ ޖެނޮސައިޑް ހިންގާ އިސްރާއީލުން ކަމަށް ވިދާޅުވެ ޔަހޫދީ ގައުމަށް ފާޑުވިދާޅުވިއެވެ.

ސްރީލަންކާގައި ހުންނަ އީރާނު އެމްބަސީން އާންމުކޮށްފައިވާ ބަޔާންގައި ޕެޒެޝްކިއަން ވިދާޅުވީ،
"އަޅުގަނޑުމެން ދުނިޔެއަށް އިއުލާން ކުރަނީ މި ސަރަހައްދުގައި ހަލަބޮލިކަމެއް ބޭނުންނުވާ ކަމަށެވެ. އެއްވެސް ގައުމަކުން ހަމައެކަނި އަމިއްލަ ދިފާއުގައި ހަތިޔާރާއި ގޮވާތަކެތި ޖަމާކުރަން މަޖުބޫރުވެ، އަމިއްލަ ބިމަށް ހަމަލާއެއް އަތުވެދާނެތީ އަބަދު ބިރުވެރިކަމެއްގައި އުޅެންޖެހުމަކީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫނެވެ. އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކަށް ނުވިސްނަމުއެވެ. މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގެއްލިގެން ދިއުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ."
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، "މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ހައްލުކުރެވޭނެ ކަމެކެވެ. މިއީ ސަރަހައްދުގެ ގައުމުތަކަށް ދޭ މެސެޖެކެވެ: އީރާނަކީ ސަރަހައްދުގެ ނުތަނަވަސްކަމުގެ ސަބަބު ކަމަށް ދައްކަން މީޑިއާ ބޭނުންކުރުމުގެ ބަދަލުގައި، ސަރަހައްދުގައި ހިނގާ ހަލަބޮލިކަމާއި، ނަސްލު ނައްތާލުމުގެ އަމަލުތަކާއި، ޓެރަރިޒަމްގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުންކަން ތިޔަބޭފުޅުން ގަބޫލުކުރައްވާށެވެ."
އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ، އެ ގައުމުން އެހެން މުސްލިމް ގައުމުތަކާ އެކު ހަމަނުޖެހުމަކަށް ނޭދޭ ކަމަށާއި، "ދުޝްމަނުން" މަސައްކަތް ކުރަނީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ. "އެންމެ ފުރަތަމަވެސް، އަޅުގަނޑުމެންގެ ގައުމުގެ މަތިވެރި އިމާމް އަދި މި ގައުމުގެ އިޚްލާސްތެރި ޚިދުމަތްތެރިން ޝަހީދުވުމާ ގުޅިގެން، ގައުމުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާ ދެންނެވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ."
"އަޅުގަނޑުމެން މުސްލިމް ގައުމުތަކާ އެކު ހަމަނުޖެހުމަކަށް ނޭދެމެވެ. އަޅުގަނޑުމެން އިސްލާމީ ގައުމުތަކާ ހަނގުރާމައެއް ނުކުރާނަމެވެ؛ އެއީ އަޅުގަނޑުމެންގެ އަޚުންނެވެ. މިހާރު އުފެދިފައިވާ ބައިބައިވުންތަކަކީ މުސްލިމުންގެ މެދުގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ ޚާއިނު ދުޝްމަނެއްގެ އަމަލުތަކެވެ،" ޕެޒެޝްކިއަން ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ތެރޭގައި ސޮލީބީންނާއި ސަހުޔޫނީން ދިން ޓެރަރިސްޓް ހަމަލަތަކުގައި އީރާނުގެ ސުޕްރީމް ލީޑަރާއި، ކޮމާންޑަރުންނާއި، ވަޒީރުން އަދި އާންމު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ޕަޒަކްޝިއަން ވަނީ އަންހެން ދަރިވަރުން ކިޔަވަމުން ދިޔަ މިނާބް އެލިމެންޓްރީ ސްކޫލަށް ދިން ޓެރަރިސްޓް ހަމަލާގެ ހަނދާން އާކުރައްވާފައެވެ.
"އަޅުގަނޑުމެން އެންމެންގެ މެދުގައިވާ ހަސަދަވެރިކަމާއި، ނުރުހުންތެރިކަމާއި، ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރަންޖެހެއެވެ. މިއަހަރު، އެހެން އަހަރުތަކަށްވުރެ ބޮޑަށް، އަޅުގަނޑުމެންނަށް ބޭނުންވަނީ އެއްބައިވަންތަކަމާއި ގައުމީ ރޫހު ރަމްޒުކޮށްދޭ ނައުރޫޒެކެވެ. އަޅުގަނޑުމެން ނަފުރަތު ދޫކޮށްލައި، ދަތިތަކުން އަރައިގަނެ، އަތްގުޅާލައިގެން މަސައްކަތްކޮށް، މި ތޫފާންތަކާއި ކާރިސާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އީރާން ފަޚުރުވެރިކަމާއެކު ދެމިއޮތްކަން ކަށަވަރުކުރަން ޖެހެއެވެ." ޕަޒަކްޝިއަން





