ރާއްޖެއަށް ތެޔޮ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މާލީ ވަޒީރު

"އެންމެ ފަހުން އެސްޓީއޯގެ ދެ ވެސަލް އަލިމަސް އާއި ނިއޯންއާ މިހާރު ވަދެ ޑިސްޗާޖްކޮށް ނިމުނީ. ދެން އެއާ އެއްކޮށް ދެން އެންމެ އަވަހަށް އޭޕްރީލް 2 ނޫނީ 3 ހިސާބުގަ އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް. އޭގައި ވެސް ޑީސަލާ ޕެޓްރޯލް ހުންނާނެ. ހަމައެއާ އެއްކޮށް އޭޕްރީލް 4 ނޫނީ 5 ހިސާބުގައި އޮމާންއިން އަނެއްކާވެސް ބަރުކޮށްގެން އަންނަ އަޅުގަނޑުމެން ސްޕޮޓުން ހަޔަރ ކޮށްފަ އޮންނަ އުޅަނދުގަ ތެޔޮ އެބަ އާދޭ. އެހެންވީމަ ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްޔާ އެބަހުރި" މޫސާ ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ތެލުގެ އިތުރު ދެ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ހާލަތު ސާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ޒަމީރު ވިދާޅުވީ އެސްޓީއޯގެ ދެ އުޅަނދު ކަމަށްވާ 'އަލިމަސް' އަދި 'ނިއޯން' މިހާރު ރާއްޖެ އައިސް ތެޔޮ ހުސްކޮށް ނިމިފައިވާ ކަމަށެވެ. އަދި ދެން އެންމެ އަވަހަށް އޭޕްރީލް 2 ނުވަތަ 3 ހިސާބުގައި ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލް ބަރުކޮށްގެން އުޅަނދެއް އަންނާނެ ކަމަށާއި، އޭގެ ފަހުން އޭޕްރީލް 4 ނުވަތަ 5 ހިސާބުގައި އޮމާންއިން ވެސް ތެޔޮ ޝިޕްމަންޓެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އެހެންވީމަ ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްޔާ އެބަހުރި" ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށް، ފަތުރުވެރިން އަންނަ މިންވަރު މަދުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އުނދަގޫ ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއާއި، ކިޔަވާ ކުދިންނަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނަ ބޮޑުވެފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތެލުގެ ވިޔަފާރިކުރާ އެއްވެސް ކުންފުންޏަކަށް ގެއްލުން ނުވާނެހެން މި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!