އީރާނުގެ ސަރަހައްދުތަކަށް "އުދުވާނީ ޓެރަރިސްޓް އަމަލުތައް ހިންގުމަށް މަގުފަހިކޮށްދޭ" ކަމަށް ތުހުމަތުކޮށް، އުރުދުންއާ ދެކޮޅަށް އީރާނުން އދ. ގައި ވަރުގަދަ އިހުތިޖާޖެއް ހުށަހަޅައިފިއެވެ. މި އިހުތިޖާޖު ހުށަހަޅާފައިވަނީ އީރާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަމީރު ސައީދު އިރަވާނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް އާދީއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައެވެ.
މި ސިޓީގައި ޖޯޑަންގެ ކިބައިން މައިގަނޑު ދެ ކަމަކަށް ވަނީ އެދިފައެވެ.
ފުރަތަމަ ކަމަކީ "އުދުވާނީ ޓެރަރިސްޓް އަމަލުތައް" ކަމަށް ސިފަކޮށްފައިވާ ކަންކަމަށް އެއްވެސް އެހީތެރިކަމެއް ނުވަތަ މަގުފަހިކޮށްދިނުމެއް ދިނުން ހުއްޓާލުމެވެ.
ދެވަނަ ކަމަކީ އިސްލާމީ ޖުމްހޫރިއްޔާއަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކުގައި ޖޯޑަންގެ ބިމާއި، ވައިގެ ސަރަހައްދާއި، ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމެވެ.
އިރަވާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށް ބެލެވޭ އަމަލުތަކަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖޯޑަން ޖަވާބުދާރީ ކުރުވުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމަށާއި ޒިންމާއިން ރެކުމަށް ކުރާ މަސައްކަތްތައް ކުރިއަށްދާނަމަ، އޭގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ފަދަ ނުރައްކާތެރި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އީރާނުގެ މަންދޫބު ވަނީ، އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލު ހޯދުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކުރުމާއި، އީރާނާ ދެކޮޅަށް މިފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދިން ސަރުކާރުތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
މީގެ އިތުރުން، މި އަމަލުތަކުގެ ސަބަބުން އީރާނުގެ އިންސާނީ ފުރާނައަށާއި، މުދަލަށާއި، އުމްރާނީ ވަސީލަތްތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސީދާ ޒިންމާ ޖޯޑަން އިން އުފުލަންޖެހޭނެ ކަމަށް އިރަވާނީ ވިދާޅުވިއެވެ. އަދި އާންމުންގެ ފުރާނަ ގެއްލުމާއި މުހިންމު ވަސީލަތްތައް ހަލާކުވުން ހިމެނޭ ގޮތަށް، ލިބުނު ހުރިހާ ގެއްލުންތަކެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަޒަންކޮށް ލިޔެކިޔުމުން ބަލަހައްޓަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ މަންދޫބުގެ ސިޓީ ނިންމާލައްވާފައިވަނީ، ފުރިހަމަ ޒިންމާދާރުކުރުވުމާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ގޮތުން ހުރި ހުރިހާ ގާނޫނީ އަދި ޝަރުއީ މަގުތަކެއް ބޭނުންކުރުމުގެ ހައްގު އީރާނަށް ލިބިގެންވާކަން ކަށަވަރުކޮށްދެއްވަމުންނެވެ.
ޖޯޑަން އިން އީރާނަށް ނުރައްކާ ކުރާނަމަ ޖޯދަންގެ ދެ އިންޖީނުގެ ގޮއްވާލުމަށްވެސް އީރާނުން ވަނީ ލިސްޓުކޮށްފައެވެ.
ޖޯޑަން އިން އެގައުމު މަތިން ޔަހޫދީ ދައުލަތަށް ހަމަލަ ދޭން އީރާނުގެ މިސައިލާއި ޑްރޯން ދާނަމަ ހުއްޓުވަން މަސައްކަތް ކުރެއެވެ. ނަމަވެސް ޔަހޫދީންނާއި އެމެރިކާގެ ޓެރަރިސްޓް ހަމަލަތަކަށް ޖޯޑަން އިން ފުރުސަތު ދެމުން ދެއެވެ!




