"އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ. ދޮގު ޚަބަރު ފަތުރަނީ މާލީ އަދި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާއާއި އިސްރާއީލު ތާށިވެފައިވާ އަނދަވަޅުން ސަލާމަތްވުމަށް،" ޤާލީބާފް
ނަތަންޔާހޫއާ ގުޅިގެން މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ދޭން ފެށި ޓެރަރިސްޓް ހަމަލަތައް ނިމުމަކަށް ގެނައުމަށްޓަކައި، އީރާނާއެކު "ނަތީޖާ ނެރެވޭފަދަ" މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވައެވެ. ނަމަވެސް، އީރާނުްނ ބުނަނީ މިއީ ތެލުގެ ބާޒާރަށް އޮޅުވާލުމަށް ޓްރަމަޕް ހަދާ ދޮގުތަކެއް ކަމަށެވެ.

އީރާނުގެ ނަން ހާމަނުކުރާ "އިސް" ފަރާތަކާއެކު ބޭއްވުނު "ވަރަށް ރަނގަޅު" ވާހަކަތަކަށްފަހު، "އެއްބަސްވެވޭ މުހިންމު ކަންތައްތަކެއް" ހުރި ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. އެވާހަކަ ވިދާޅުވީ އެމެރިކާގެ ހިއްސާގެ ބާޒާރު ހުޅުވުނު ވަގުތާ ދިމާކޮށެވެ. އަދި އީރާނުން އެމެރިކާގެ ހުށަހެޅުންތަކަށް ޖަވާބެއް ދިނުމަށް އޭނާ ދެއްވި ފަސް ދުވަހުގެ މުހުލަތު ހަމަވަނީވެސް ވިޔަފާރި ހަފުތާ ނިމޭ ވަގުތާއެވެ.
މި ދަނޑިވަޅަކީ ޓެރަރިސްޓް ހަމަލަތަށް ބަދަލު ހިފުމަށް އީރާނުން އެޅި ފިޔަވަޅުތަކާ ގުޅިގެން ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސް، ތއޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 120 ޑޮލަރަށް އުފުލިފައިވާ ދަނޑިވަޅަކަށް ވުމުން، ގިނަ ބަޔަކު ދަނީ ޓްރަމްޕް މިވާހަކަ ފަތުރާ ވަގުތާ މެދު ސުވާލު އުފައްދަމުންނެވެ.
ޓްރަމްޕް މަޝްވަރާގެ ވާހަކަ ދައްކަވަނީ، އީރާނަށް އަރައި ގަތުމަށް އޭނާ ނިންމައިފި ނަމަ، އެކަމަށް ބޭނުންވާ އިތުރު އެމެރިކާ ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް ވަގުތު ހޯދުމުގެ ގޮތުން ކަމަށްވެސް ލަފާ ކުރެވެއެވެ. މިއަދާ ހަމައަށް ޓްރަމްޕް ވަނީ އޮޅުވާލުމެއްގައި މަސައްކަތް ކޮށްފައެވެ.
ޓްރަމްޕްގެ ނިޔަތާ މެދު ސުވާލު އުފެއްދެވި ބޭފުޅުންގެ ތެރޭގައި، ޓްރަމްޕް އެ އިޝާރާތް ކުރެއްވި އީރާނުގެ އިސް އޮފިޝަލަކީ އެބޭފުޅާ ކަމަށް ބެލެވޭ، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް އެވެ.
"އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ. ދޮގު ޚަބަރު ފަތުރަނީ މާލީ އަދި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާއާއި އިސްރާއީލު ތާށިވެފައިވާ އަނދަވަޅުން ސަލާމަތްވުމަށް،" ސޯޝަލް މީޑިއާގައި ޤާލީބާފް ލިޔުއްވާފައިވެއެވެ.






