"ހަމަޖެހުން ލިބޭނީ ބާރު ދައްކައިގެން،" އީރާން
ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނީ އީރާނުގެ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި، ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އީރާނުގެ ސިފައިން ބުނެފިއެވެ. އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑު ޚާތަމުލްއަންބިޔާގެ ތަރުޖަމާނު އެމެރިކާއަށް އަމާޒުކޮށް ވިދާޅުވީ، އެމެރިކާއަށް މި ހަނގުރާމައިގައި ނާކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.
އީރާނުގެ ސިފައިން ބުނި ގޮތުގައި، ސަރަހައްދީ ހަމަޖެހުން ކަށަވަރުކޮށްދެނީ އީރާނުގެ ބާރުތަކުގެ ވަރުގަދަ އަތްތަކުން ކަން އެމެރިކާއަށް ވިސްނެންދެން، މި ސަރަހައްދުގައި އެމެރިކާއިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ އެއްވެސް ނިޝާނެއް ނުފެންނާން ދެން ކަންކަން ކުރިއަށް ދާނެ ކަމަށެވެ. އަދި ހަކަތައާއި ތެލުގެ އަގުތައް ކުރިން ހުރި މިންވަރަށް ތިރިނުވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. "ހަމަޖެހުން ލިބޭނީ ބާރު ދައްކައިގެން،" ތަރުޖަމާނު ވިދާޅުވިއެވެ.

އީރާނުގެ ސިފައިން އިތުރަށް ހާމަކުރި ގޮތުގައި، އެ ގައުމުން ބޭނުންވެއްޖެ ހިނދެއްގައި މެނުވީ އެއްވެސް ކަމެއް ކުރިން އޮތް ހާލަތަކަށް ރުޖޫޢައެއް ނުވާނެއެވެ. އަދި އީރާނުން އެމެރިކާއާއެކު މިހާރުވެސް އަދި މުސްތަގުބަލުގައިވެސް އެއްބަސްވުމަކަށް ނާންނާނެ ކަމަށް ވަނީ ބުނެފައެވެ. މިއީ އެ ގައުމުގެ އަސްކަރީ އަދި ސިޔާސީ ލީޑަޝިޕުންވެސް ގެންގުޅޭ ވަރުގަދަ ވިސްނުމެއްކަން ފާހަގަކުރެވެއެވެ.
މި ބަޔާންތަކާއެކު އީރާނުގެ ސިފައިންގެ ވާހަކަތަކުގައި ވަނީ އެއްވެސް މަޝްވަރާއަށް ފުރުސަތެއް ނެތް ކަމަށާއި، ހުރުމުޒް ކަނޑުއޮޅި އޮންނާނީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ބުނެފައެވެ. އަދި ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
މިހާތަނަށް އީރާނުގެ ސިޔާސީ އަދި އަސްކަރީ ފަރާތްތަކުން އިވެނީ އެއް އަޑެކެވެ. އެއީ މަޝްވަރާގެ މޭޒުގެ ބަދަލުގައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން މި ހަނގުރާމަ ކާމިޔާބު ކުރާނެ ކަމުގެ އަޑެވެ.







