ލަވްރޯވް ވިދާޅުވީ 2026 ވަނަ އަހަރު ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ރަޝިޔާއިން އިންތިޒާރު ކުރާ ކަމަށާއި، އިންޑިއާއާއެކު އޮތް ގުޅުމަކީ "ޒަމާންވީ އިތުބާރު ހިފޭ" ގުޅުމެއް ކަމަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވަނީ ނިއުދިއްލީއާއެކު އޮތް ބައިވެރިކަން އިތުރަށް ބަދަހިކުރުމަށް މޮސްކޯއިން ކުރާ މަސައްކަތްތައް ތަކުރާރު ކުރައްވައި، 2026 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ކިޔުމަށް ރަޝިޔާއިން "ކެތްމަދުވެފައިވާ" ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރަޝިޔާ އިންޑިއާ ގުޅުމާ ބެހޭ ދެވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހަމަހަމަކަމާއި، ދެފަރާތުގެ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ލަވްރޯވް ވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވްލަޑިމިއަރ ޕޫޓިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން އުފެދުނު ބާރުވެރިކަމަށް އަލިއަޅުއްވާލައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުން ވަނީ ސިޔާސީ މުހިންމު ލިޔެކިޔުންތަކެއްގައި ސޮއިކޮށް، ދިގު މުއްދަތުގެ އެއްބަސްވުންތައް އާކޮށްފައެވެ.
ލަވްރޯވް ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް 60 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، 2030 ވަނަ އަހަރާ ހަމައަށް ދެ ގައުމުގެ އަމާޒަކީ މިއަދަދު 100 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ. އަދި ލޮޖިސްޓިކްސް، ޓެކްނޮލޮޖީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ފުޅާކުރާނެ ކަމަށާއި، މީގެ ތެރޭގައި އިންޓަނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ އާއި ނޮދަން ސީ ރޫޓް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ 96 އިންސައްތަ މިހާރުވެސް ކުރިއަށްދަނީ ދެ ގައުމުގެ އަމިއްލަ ފައިސާއިން ކަމަށް ވިދާޅުވެ، ޑޮލަރަށް ބަރޯސާވުން ކުޑަކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ވަނީ އިންޑިއާގެ "މިނިވަން ޚާރިޖީ ސިޔާސަތަށާއި" ދުނިޔޭގައި އެ ގައުމުގެ ނުފޫޒު ގަދަވަމުންދާތީ އެކަމަށް ތައުރީފު ކުރައްވާފައެވެ. އަދި އިންޑިއާއަކީ "ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މައި މަރުކަޒެއް" ކަމަށާއި 21 ވަނަ ގަރުނުގެ "ބޮޑު ބާރެއް" ކަމަށް ސިފަކުރެއްވިއެވެ.
ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ހާއްސަކޮށް ޕާޝިއަން ގަލްފްގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން، މޮސްކޯ އާއި ނިއުދިއްލީއާ ދެމެދު އޮންނަ ގާތް ގުޅުން ވަރަށް މުހިންމު ކަމަށް ލަވްރޯވް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު އިންޑިއާއިން ބްރިކްސް ގެ ރިޔާސަތު ބަލަހައްޓާއިރު، ރަޝިޔާގެ ފުރިހަމަ އެއްބާރުލުން އިންޑިއާއަށް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އިންޑިއާގެ ރިޔާސަތުގެ ދަށުން ބްރިކްސް އިން އިސްކަންދޭނީ ސާބިތުކަމާއި، އާ އީޖާދުތަކާއި، އެއްބާރުލުމާއި ހަމަޖެހުމަށެވެ.






