ކުވައިތާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސްއާއި، ބަޙްރައިންއާއި، ސައުދީ އަރަބިއްޔާއާއި، ގަތަރުގެ އިތުރުން ޖޯޑަންއަށް، އީރާނުން ދެމުންދާ އުދުވާންތައް އެންމެ ހަރުކަށި އިބާރާތުން އަނެއްކާވެސް ކުށްވެރިކޮށްފިއެވެ. މި އަމަލުތަކަކީ އެ ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި، އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް އެ ގައުމުތަކުން ބުނެފައިވެއެވެ.
މި ގައުމުތަކުން މިއަދު ބުދަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ސީދާ ގޮތުން ނުވަތަ އެ ގައުމުން މަދަދުވެރިވާ ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށް ހިންގާ މި އުދުވާންތަކާއި އަދި ވަކިން ޚާއްސަކޮށް އިރާގުގައި ތިބި އީރާނަށް ވަފާތެރި ހަނގުރާމަވެރި ގްރޫޕްތަކުން ސަރަހައްދުގެ ގައުމުތަކަށާއި އެ ގައުމުތަކުގެ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިއީ އީރާނުން އަވަށްޓެރި ގައުމުތަކަށް ދޭ އެއްވެސް ހަމަލާއެއް ނުވަތަ ބިރުދެއްކުމެއް، ވަގުތުން އަދި އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލުމަށް ގޮވާލާފައިވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2817 (2026) އާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ގައުމުތަކުން ވަނީ އިރާގާއެކު އޮތް އަޚުވަންތަ ގުޅުން ފާހަގަކޮށް، އަވަށްޓެރި ގައުމުތަކުގެ ގުޅުން ދެމެހެއްޓުމަށާއި މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، އިރާގުގެ ބިމުން އެކި ޖަމާއަތްތަކާއި ހަނގުރާމަވެރިން ދޭ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިރާގު ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން، މިފަދަ ޖިނާއީ ހަމަލާތަކުން ދިފާއުވުމަކީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ލިބިދޭ ފުރިހަމަ އަދި އަސްލީ ހައްގެއްކަން ފާހަގަކޮށް، ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު އޮތްކަން އެ ގައުމުތަކުން ކަށަވަރުކޮށްދީފައިވެއެވެ.
ހަމައެއާއެކު، އީރާނަށް ވަފާތެރި ބޮނދައިގެން ތިބި ހަމަނުޖެހުން އުފައްދާ ފަރާތްތަކާއި ހިޒްބުالله އާ ގުޅުންހުރި ޓެރަރިސްޓް ޖަމާއަތްތަކުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ނަގާލުމަށް ރާވަމުންދާ އަމަލުތައް ވެސް އެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ހަމަ އެވަގުތު، ގައުމާއި ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހޭލާ ތިބި ސަލާމަތީ ބާރުތަކާއި ސިފައިންގެ ހިތްވަރަށް ސަނާ ކިޔައި، މިފަދަ ޓެރަރިސްޓް ސެލްތައް އަތުލައިގަނެ، އެމީހުންގެ ނުބައި ރޭވުންތައް ހާމަކުރުމުގައި އެ ފަރާތްތަކުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތްތަކަށް ތައުރީފުގެ ބަސްތައް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަސްޖިދުލް އަގްސާގައި ބަންގި ގޮވުން މަނާކޮށް ނަމާދު ކުރުން މަނާކޮށް އެތަން ބަންދުކޮށްފައި ޔަހޫދީން ބާއްވާތާ މަހަކަށްވުރެްނ ގިނަ ދުވަސް ވަނީއެވެ. މިއީ 57 އަހަރުގެ ތެރޭގައި މިގޮތަށް ޔަހޫދީންނަށް ކަން ކުރަން ކެރުނު ފުރަތަމަ ފަހަރެވެ!







