އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތައް ދިގުލައިގެން ދުނިޔެ ނާމާންވެ ހިނގައިދާނެ ހާލަތްތަކަށް ބަލައި، އިތުރު މާލީ އެހީތެރިކަން ބޭނުންވެދާނެ ގައުމުތައް ދެނެގަތުމުގެ ދިރާސާތަކެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ފަށާފައިވާ ކަމަށް ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފިއެވެ.
މި މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގް އިން ބުނެފައިވަނީ، އެމެރިކާއާއި އިޒްރޭލުން ދުނިޔެ ނުތަނަވަސްކޮށްލުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުތަކަށް ކުރާނެ އަސަރުތައް ވަޒަންކުރުމަށްޓަކައި އައިއެމްއެފް އިން ތަފާތު ހާލާތްތަކެެއް ދިރާސާކޮށް ވަޒަން ކުރަމުންދާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ހަމަނުޖެހުން ދިގުލައިގެން ދިއުމުގެ ސަބަބުން އާ ފައިނޭންސިންގް ނުވަތަ އެހީ ބޭނުންވާނެ ގައުމުތައް ދެނެގަތުމެވެ.
އައިއެމްއެފް އިން ވަނީ އެކި ގައުމުތަކުގެ ޑެސްކުތަކަށް، އެ ގައުމުތަކުގެ ކަރަންޓް އެކައުންޓްގެ ހާލަތާއި އަދި ކުރިމަތިވެދާނެ މާލީ ބޭނުންތަކާ ގުޅޭ ތަހުލީލުތައް ހިއްސާކުރުމަށް އަންގާފައެވެ. މި މަސައްކަތުގައި ބޮޑަށް އިސްކަންދެނީ މިހާރުވެސް އައިއެމްއެފްގެ އެހީގެ ޕްރޮގްރާމްތައް ހިނގަމުންދާ ގައުމުތަކަށެވެ.
މި ދިރާސާތަކުގެ ސަބަބުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ވިޔަފާރީގެ މަގުތަކަށް ކުރާ އަސަރުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން އެންމެ ބޮޑު ނުރައްކަލެއް އޮތް ގައުމުތަކަށް ދުރާލާ ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.








