އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކަށް ބަލާއިރު، ޗައިނާއާއެކު އޮންނަ ގުޅުން ހަމަޖެހުމަކަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ބެއިޖިންގެ ބައިނަލްއަގުވާމީ ކުރިއެރުން ހުއްޓުވުމަށް އެގައުމުގެ މުހިންމު ބައިވެރިންނަށް އަމާޒުކޮށްގެން ރޭވުންތެރި ނުލަފާ މަސައްކަތްތަކެއް ކުރައްވާ ތަނެވެ. މިއީ ސީދާ ޗައިނާއާ ކުރިމަތިލުމުގެ ބަދަލުގައި އެގައުމުގެ ވަސީލަތްތައް މަދުކޮށްލުމަށް ގެންގުޅުއްވާ އުކުޅެކެވެ.
ޓްރަމްޕްގެ ޓެރިފް ހަނގުރާމައިގެ ސަބަބުން ޗައިނާގެ އިގްތިސާދީ ދުވެއްޔަށް ބޭނުންވި ވަރުގެ ބޮޑު ހުރަހެއް އެޅިފައި ނުވި ނަމަވެސް، އޭނާގެ ސަރުކާރުން މިހާރު ވަނީ ބެއިޖިންއަށް ހަކަތަ ފޯރުކޮށްދޭ އަދި ސްޓްރެޓެޖިކް ގުޅުންތައް ބާއްވާ ގައުމުތަކަށް ދޭ ޕްރެޝަރު ވަރުގަދަކޮށްފައެވެ. އީރާނާއި، ވެނެޒުއެލާގެ އިތުރުން ކެނެޑާއާއި ގްރީންލޭންޑާ މެދު ވޮޝިންޓަނުން ގެންގުޅޭ ހަރުކަށި އުސޫލުތަކުން މިކަން ސާފުވެއެވެ.
ޗައިނާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ އީރާނަށް އެމެރިކާއިން ވަނީ އަނެއްކާވެސް އިންޒާރުތައް ދޭން ފަށާފައެވެ. އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ދިން 12 ދުވަހުގެ ހަނގުރާމައަށް ފަހު، އީރާނުން އަލުން ނިއުކްލިއާ މަސައްކަތްތައް ފަށައިފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މެދުއިރުމަތީގައި އުފެދޭ ކޮންމެ ހަމަނުޖެހުމަކީ ޗައިނާއަށް ބޭނުންވާ ސާފު ނުކުރާ ކްރޫޑް އޮއިލްގެ ދެބައިކުޅަ އެއްބައި އެ ސަރަހައްދުން ހޯދާތީ، އެގައުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ވެނެޒުއެލާގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވޮޝިންޓަނުން ވަދެ، ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގުމުގެ ސަބަބުން، އެގައުމުގެ މުއްސަނދި ތެޔޮ ރިޒާވްގެ މައްޗަށް އެމެރިކާގެ ނުފޫޒު ވަނީ ގަދަވެފައެވެ. މިއީ ޗައިނާއަށް ލިބުނު ގެއްލުމެކެވެ. ސަބަބަކީ ވެނެޒުއެލާއަކީ ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތައް ހުރި، އަދި އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ގާތް ބައިވެރިއަކަށް ވާތީއެވެ.
މީގެ އިތުރުން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ޓެރިފް ކުޑަކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. މިކަމުގެ ރައްދުގައި ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން ސައްތަ އިންސައްތަ ޓެކްސް ނަގާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ގްރީންލޭންޑްގެ މައްޗަށް ބާރު ފޯރުވުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރައްވަނީ އެތަނުގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ސަބަބުންނެވެ. އެ ޖަޒީރާގައި ހުރި މަދުން ނޫނީ ނުފެންނަ މައުދަންތަކާއި ހަކަތައިގެ ވަސީލަތްތަކަކީ ޗައިނާއިން ވެސް ދިގުމުއްދަތަކަށް އަމާޒު ހިފާފައިވާ ކަންކަމެވެ. ޓްރަމްޕް ވަނީ އެއްވެސް ހެއްކެއް ނެތި، އެ ސަރަހައްދުގައި ޗައިނާއާއި ރަޝިޔާގެ އަސްކަރީ ނުފޫޒު ގަދަވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، މި ހުރިހާ ފިޔަވަޅުތަކަކީ ޗައިނާއާ ދެކޮޅަށް ހިންގާ "ނުސީދާ ހަނގުރާމައެއް" ކަމަށް މުހައްލިލުން ސިފަކުރެއެވެ. މީގެ މައިގަނޑު ބޭނުމަކީ ބެއިޖިންއަށް ބޭނުންވާ ހަކަތައާއި، މައުދަން އަދި ބައިނަލްއަގުވާމީ އެކުވެރިން ލިބުން ދަތިކޮށްލުމެވެ.






