ހަނގުރާމަ ހުއްޓާލުމަށް އީރާނުން ފަސް ޝަރުތެއް ހުށަހަޅައިފި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލާނީ އީރާނުން ހުށަހަޅާ ޝަރުތުތައް ފުރިހަމަވުމުން ކަމަށް ތެހެރާނުން ބުނެފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، ހަނގުރާމަ ހުއްޓާލާނެ ވަގުތު ކަނޑައަޅާނީ އީރާނުން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އީރާނުން ހުށަހަޅާ ފަސް ޝަރުތު

ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އީރާނުން ވަނީ މައިގަނޑު ފަސް ޝަރުތެއް ހުށަހަޅާފައެވެ. އެ ޝަރުތުތަކަކީ:

  • އެމެރިކާ/ އިސްރާއީލު ހިންގާ ޓެރަރިސްޓް އަމަލުތަކާއި މީހުން މެރުމުގެ އަމަލުތައް މުޅިން ހުއްޓާލުން.
  • އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އަލުން ހަނގުރާމައެއް ނުފެށާނެކަން ކަށަވަރުކުރުމަށް ވަރުގަދަ ނިޒާމެއް ގާއިމުކުރުން.
  • ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިނުން.
  • ސަރަހައްދުގެ ހުރިހާ ތަނެއްގައި (ފަލަސްޠީނާއި ލުބުނާނާއެކު) އަދި ހުރިހާ ހަނގުރާމަވެރި ޖަމާއަތްތަކަކަށް އަމާޒުކޮށް ދޭ ހަމަލަތައް އެއްކޮށް ހުއްޓާލުން.
  • ހުރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނަށް އޮތް ސިޔާދަތީ އިސްތިގުލާލީ ބާރު ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށް އެކަމުގެ ޔަގީންކަން ދިނުން.

އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ އިންސާފުން ބޭރު ބޯގޮސް ބަލައި ނުގަނެވޭފަދަ ހުށަހެޅުންތަކެކެވެ. ރޮއިޓާސްއަށް މައުލޫމާތު ދެއްވި އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދިޔަ ނަމަވެސް، އެކަމަށް އޮތް ފުރަތަމަ އިޖާބަ އަކީ ބޮޑުކޮށް ނޫން ބަހެއް ކަމަށެވެ.

އީރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލާނެ ވަގުތު ކަނޑައެޅުމުގެ ފުރުސަތު އެމެރިކާގެ ރައީސް ޓްރަމްޕަށް ހިލާ ނުދޭނެ ކަމަށެވެ. އަދި އީރާނުގެ ދިފާއީ ހަރަކާތްތައް ކުރިއަށްދާނީ އެ ގައުމުން ހުށަހަޅާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވަންދެން ކަމަށްވެސް ތެހެރާނުން ވަނީ ބުނެފައެވެ. އީރާނުން ދަނި އެގައުމު ދިރި ދެމި އޮތުމަށް ދިފާއީ ހަނގުރާމައެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!