އީޔޫގެ ގައުމުތަކުން ޔަހޫދީންގެ ހިމާޔަތަށް ސިފައިން ނެރެނީ

ބެލްޖިއަމްގެ މުހިންމު ރަށްތަކުގައި ހުރި ޔަހޫދީ މަރުކަޒުތައް ހިމާޔަތްކުރުމަށް އެ ގައުމުގެ ސިފައިން ރުކުރުވާލާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ތިއޯ ފްރެންކަން ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން އިއުލާންކޮށްފައިވާ ގޮތުގައި، ވެރިރަށް ބްރަސަލްސްގެ އިތުރުން އެންޓްވާޕް އަދި ލީޖްގައި ހުރި ޔަހޫދީ ފައްޅި ތަންތަނާއި ތައުލީމީ މަރުކަޒުތައް ބެލެހެއްޓުމުގައި ފުލުހުންނަށް އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވާން ފަށާނެއެވެ. މި އީ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައަށްފަހު، ލީޖްގައި ހުރި ސިނަގޮގަކަށް ދިން ހަމަލާއަކާއި، އަވަށްޓެރި ނެދަލޭންޑްސްގައި ހިނގި އެފަދަ ހާދިސާތަކާ ގުޅިގެންނެވެ.

ހޯމަ ދުވަހު ފްރެންކަން ވަނީ ސިފައިން އެމީހުންގެ މަސައްކަތް ފަށާފައިވާކަން ކަށަވަރުކޮށްދެއްވައި، އެންޓްވާޕްގައި ވަޒަން ނާރާ ފޭރާމާއި ބަޑިއާއެކު ތިބި ސިފައިންގެ ފޮޓޯއެއް އާންމުކުރައްވާފައެވެ.

"މި ސިޓީ އަނެއްކާވެސް ކުޑަކޮށް އަމާންވެއްޖެ… ޔަހޫދީ މުޖުތަމައުވެސްމެ. އަހަރެމެން ޔަހޫދީންނާ ދެކޮޅުވެރިވުމަށް ނޫނެކޭ ބުނަން،" މިނިސްޓަރު ލިޔުއްވާފައިވެއެވެ.

ކޯޑިނޭޓިން ކޮމިޓީ އޮފް ބެލްޖިއަން ޖޫވިޝް އޯގަނައިޒޭޝަންސްގެ ރައީސް އީވްސް އޮޝިންސްކީ ރޮއިޓާސްއަށް ވިދާޅުވީ، މާޗް 9 ވަނަ ދުވަހު ލީޖްގެ ސިނަގޮގެއްގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު، އެ ގައުމުގެ ޔަހޫދީ މުޖުތަމައުން އެމީހުންގެ ސަލާމަތާ މެދު އިންތިހާއަށް ކަންބޮޑުވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ހެނދުނުގެ ވަގުތެއްގައި ކަމުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އެ ތާރީޚީ އިމާރާތުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، އެހެނިހެން ގެއްލުންތައް ލިބުނު މި ހަމަލާ ތަހުގީގު ކުރަމުންދަނީ ޓެރަރިސްޓް އަމަލެއްގެ ގޮތުގައެވެ.

ބެލްޖިއަމްގެ ސިޓީތަކުގައި ސިފައިން ނެރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޮޝިންސްކީ ވިދާޅުވީ "އަހަރެމެން އެކަމަށް ބޭނުންވޭ" ކަމަށާއި، "އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ކަންބޮޑުވުން އެއްކޮށް ފިލައިގެން ނުދާ" ކަމަށެވެ.

"އަހަރެމެންނަށް އަބަދުވެސް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ބޭނުންވޭ. އަހަރެމެންގެ ދަރިންނަށާއި، ސކޫލްތަކަށާއި، ޒުވާނުންގެ ހަރަކާތްތަކަށް ސަލާމަތްތެރިކަން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

މާޗް މަހުގެ ތެރޭގައި ނެދަލޭންޑްސްގައި ހުރި ޔަހޫދީ މަރުކަޒުތަކަށްވެސް ހަމަލާދީފައިވެއެވެ. އެގޮތުން އެމްސްޓެރެޑަމްގެ ސކޫލެއްގައާއި ރޮޓެރެޑަމްގެ ސިނަގޮގެއްގައި ގޮއްވުންތަކެއް ހިނގާފައިވެއެވެ.

ހިއްސާ ކުރައްވާ!