އީރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމަށް ހުއްދަ ކުރާ ފަތުވާއެއްގެ އިންތިޒާރުގައި

އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ، އެ ގައުމުގެ އިމާމް އާޔަތުﷲ މުޖުތަބާ ޚާމަނާއީ ނިއުކްލިއާ ހަތިޔާރާ މެދު ގެންގުޅުއްވާ ރަސްމީ ސިޔާސަތަށް އިންތިޒާރު ކުރުމަށް ގޮވާލާފައެވެ. މިއީ ތެހެރާނުން ޒަމާނުއްސުރެ ގެންގުޅެމުން އައި ނިއުކްލިއާ ފަލްސަފާ މުރާޖައާ ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ މާނަކުރަމުންނެވެ.

ވޭތުވެދިޔަ 20 އަހަރު ދުވަހު، އީރާނުގެ ރަސްމީ ސިޔާސަތު ބިނާވެފައި އޮތީ ކުރީގެ އިމާމް އާޔަތުﷲ އަލީ ޚާމަނާއީ ނެރުއްވާފައިވާ ދީނީ ފަތުވާއެއްގެ މައްޗަށެވެ. އެ ފަތުވާގައި އިސްލާމީ ޝަރީއަތުގެ ދަށުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ޝިއައީ ފިގުހުގައި، އެންމެ މަތީ ވެރިޔާ ސައުލަތުގެ އިމާމްގެ ފަރާތުން ނެރުއްވާ މިފަދަ ނިންމެވުމަކީ ގާނޫނީ އަދި ސިޔާސީ ގޮތުން އަމަލުކުރުން ލާޒިމު ނިންމެވުމެކެވެ. އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ނުކުރާކަމުގެ ހެއްކަކީ މި ފަތުވާ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ:

1. ނިއުކްލިއާ ހަތިޔާރު މަނާކޮށް 2004 ވަނަ އަހަރު ނެރުނު ފަތުވާ.
2. ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެން.ޕީ.ޓީ) ގައި އީރާނުން ދެމިއޮތުން. އީރާނުން މި މުއާހަދާގައި ސޮއިކުރީ 1968 ގައެވެ. އަދި 1979 ގެ އިންގިލާބަށް ފަހުވެސް އެ މުއާހަދާއިން ވަކިވެފައެއް ނުވެއެވެ.

މި އޮނިގަނޑުގެ ސަބަބުން، އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި އަދި ގާނޫނީ އިމުގެ ތެރޭގައި އޮތް މަޝްރޫއެއް ކަމަށް ބުނުމުގެ ފުރުސަތު ތެހެރާނަށް ލިބެއެވެ.

މިއާ ޚިލާފަށް ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބެލެވޭ ޖެނޮސައިޑް އިސްރާއީލަކީ އެން.ޕީ.ޓީގައި ބައިވެރި ނުވާ އެ މުއާހަދާއިން ބޭރުގައި އޮތް ގައުމެކެވެ. މިއީ އީރާނުގެ އޮފިޝަލުން ގަވާއިދުން ފާހަގަކުރާ ނުކުތާއެކެވެ.

ޝިއައީ އުސޫލުތަކުގައި، ފަތުވާއަކީ ބާރުގަދަ އެއްޗަކަށް ވިޔަސް، އެއީ ބަދަލުނުކުރެވޭނެ އެއްޗެއް ނޫނެވެ. ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާއްސަކޮށް ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި، ފަތުވާއެއް އަލުން މުރާޖައާކޮށް ނުވަތަ ބަދަލުކުރެވިދާނެއެވެ. އާ އެންމެ މަތީ ވެރިއަކު އައްޔަންކުރެވުމާއެކު، ކުރީގެ ނިންމެވުންތައް މުރާޖައާ ކުރުމުގެ ދީނީ އަދި ސިޔާސީ ފުރުސަތު މިހާރު އީރާނަށް އެބައޮތެވެ.

ނުރައްކާތެރި ހާލަތްތަކުގައި ރައްކާތެރިކަން އިސްކުރުމުގެ ޝިޔައީ ފިޤުހުގެ ތަޤިއްޔާގެ މަފްހޫމަކީ ވެސް މި ލުއިފަސޭހަކަން ލިބިދޭ ކަމެކެވެ. ތާރީޚީ ގޮތުން ޝިއައީ މުޖުތަމައުތައް ހިމާޔަތްކުރުމަށް ބޭނުންކުރި މި އުސޫލު، ދައުލަތް ހިންގުމުގައިވެސް ބޭނުންކުރެވިދާނެއެވެ. އެގޮތުން ސަލާމަތީ މަސްލަހަތު ގޯސްވެއްޖެ ނަމަ، ކުރިން މަނާކޮށްފައިވާ ކަންކަން ހުއްދަކުރުމަށް ދީނީ ހުއްޖަތެއް މއިން ލިބިދެއެވެ.

ދިހަވަރަކަށް އަހަރު ވަންދެން އީރާނުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ދަނީ ނިއުކްލިއާ ހަތިޔާރު ހޯދަންޖެހޭތޯ ނުވަތަ ނޫންތޯ ބަހުސްކުރަމުންނެވެ. ނިއުކްލިއާ ހަތިޔާރު ހޯދުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ:

  • – އީރާނަށް ބޭރުގެ ނުރައްކާތައް އަބަދުވެސް ކުރިމަތިވަމުންދާ ކަމަށް.
  • – ނިއުކްލިއާ ގާބިލުކަމަކީ ގައުމުގެ މިނިވަންކަމުގެ އެންމެ ފަހުގެ ޔަގީންކަން ކަމަށް.
  • – ނިއުކްލިއާ ހަތިޔާރު ހުންނަ ގައުމުތަކަށް ބޭރުގެ އަސްކަރީ ހަމަލާތައް ކުރިމަތިވުން މަދުކަމަށް.

މި ފަރާތްތަކުން ގިނައިން މިސާލު ދައްކަނީ އުތުރު ކޮރެއާއިންނެވެ. އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ ސަބަބުން އެމެރިކާގެ ސިޔާސަތު ކުރިމަތިލުމަކުން މަޝްވަރާއަކަށް ބަދަލުވިއެވެ.

މިއާ ޚިލާފަށް ލީބިޔާގެ މިސާލުން އީރާނުގެ ބިރުވެރިކަން އިތުރުވެއެވެ. ލީބިޔާއިން އެ ގައުމުގެ ހަތިޔާރުގެ މަޝްރޫއުތައް އުވާލުމުން، 2011 ވަނަ އަހަރު ނޭޓޯގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ.
މިއީ ހަތިޔާރު ނެތުމުން ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ ހެއްކެއްގެ ގޮތުގައި އީރާނުން ދެކެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ މި ބަހުސްތަކުގައި ބުރަވެވަޑައިގަތީ ސަރަހައްދީ ހަމަޖެހުމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފި ނަމަ، މުޅި މެދުއިރުމަތީގައި ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށިދާނެއެވެ.
އެގޮތުން ތުރުކީ، ސައުދީ އަރަބިއްޔާ، މިސްރު، ގަތަރު އަދި ޔޫ.އޭ.އީ އިންވެސް އަމިއްލަ ނިއުކްލިއާ މަޝްރޫއުތައް ފަށާފާނެއެވެ. މިފަދަ ބަދަލެއްގެ ސަބަބުން، މިހާރުވެސް ނުތަނަވަސްކަން ބޮޑު މި ސަރަހައްދުގެ ހަމަޖެހުން މުޅިން ގެއްލިގެން ހިނގައިދާނެއެވެ. ނަމަވެސް ވުޖޫދުގައި ދެމިއޮތުމަށް އީރާނަށް ނުރައްކާ ވެފައިވާ ހިނދު އީރާންގެ ނިއުކްލިއަރ ފަތުވާ މުރާޖައާ ކުރުމުގެ ވަގުތު މި ވަނީ ޖެހިފައެވެ.

ހިއްސާ ކުރައްވާ!